ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ނ. އަތޮޅު ހޮޅުދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ޞިއްޙީ ދާއިރާގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިންވަނީ މި ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނެވި ހެޔޮބަދަލުތައް ފާހަގަކުރައްވާފައެވެ. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިސްވެރިން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް ހަމަޖެހިފައި ނެތުމާއި އަދި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހެލްތު ސެންޓަރުތަކުގެ ބަޖެޓު އެ ސެންޓަރަކުން މެނޭކުރެވޭގޮތަށް ބަދަލުކުރެއްވުން ކަމުގައެވެ. އަދި ޞިއްޙީ ދާއިރާގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ކަމާގުޅޭ ދާއިރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫއަށާއި، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސް މިއަދު ވަނީ ނިންމަވާ ލައްވާފައެވެ.
ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ފެށްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ށ. ފުނަދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ.
ނ. ހޮޅުދޫއަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގައެވެ. ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ރައީސުލްޖުމުހޫރިއްޔާ ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ.
ރައީސް ވަނީ މި ދެރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމެޓީތަކާއި ހެލްތު ދާއިރާގެ ބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!