އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.
އެމްޕީއެލްއިން ކުރި ޓުވީޓެއްގައި ބުނީ، ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް މުވައްޒަފުންނާއެކު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ކުންފުނީގެ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުންގެ ސުވާލުތަކަށް ވަނީ ޖަވާބުދީފައެވެ.
އެމްޕީއެލުން ބުނީ، އެ ކުންފުނީގެ ރިޓަޔަމަންޓް ޕޮލިސީއަށް ވެސް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އެގޮތުން އާލީ ރިޓަޔަމަންޓްގެ ގޮތުގައި ރިޓަޔާކުރާ އުމުރު 65 އަހަރަށް ބަދަލު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
ކުންފުނީގެ މުވައްޒަފުންނަށް މާލީ އެހީ ދޭ ސިޔާސަތާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.
އެމްޕީއެލްގެ ދަށުން ހިންގާ ރީޖަނަލް ޕޯޓުތަކުގެ ތެރޭގައި ހިމެނެނީ އައްޑޫގައި ހިންގާ ހިތަދޫ ޕޯޓާއި ކުޅުދުއްފުށި ޕޯޓެވެ. އެ ކުންފުނިން އަންނަނީ ތިނަދޫގައިވެސް ޕޯޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!