ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ނޢޢވ އަށް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ކަންވެސް ކުރައްވާ ޢަބްދުﷲ ޝާހިދަށް ރައީސް މަރުހަބާ ދެންނެވީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

މި ނިޝާންގެ ޢިއްޒަތް ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއަޔާތެއްގަ އެވެ.

ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މި ނިޝާންގެ ޢިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ.

މި ޢިއްޒަތް ނިސްބަތްވަނީ އެ ޤައުމު އުފެދުމުގެ ބާނީންކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި ޢިއްޒަތް އެޤައުމުން އަރުވަނީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.

ޑޮމިނިކަން ރިޕްބްލިކުން މިނިސްޓަރ ޝާހިދަށް މި ޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ "އދ ގެ އުންމީދުގެ ރިޔާސަތު" ގެ ތެރެއިން ކޮވިޑް ޙާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ،ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.