ހައްޖު ފޯމުތައް ޕްރޮސެސް ކުރުމަށް ސައުދީ އަރަބިއްޔާއިން އިންޑިއާގެ މޯދީއާ ގުޅުން ހުރި ކުންފުންޏެއް ހަމަޖެއްސުމުން އިންޑިއާގެ މުސްލިމުން ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ އިންޑިއާގެ މުސްލިމުން ބުނަމުންދަނީ ސަޢޫދީޢަރަބިއްޔާއިން މިގޮތަށް ކަންތައްތައް ކުރުމުން މި މަސައްކަތުން އިންޑިއާގެ ބީޖޭޕީގެ އެކްޓިވިސްޓުން މުއްސަނދި ވެގެންދާނެ ކަމަށާއި މި ފައިސާއިން މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާއްމުތައް ހިންގާނެ ކަމަށެވެ.

Ad
rt

މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު މިޑްލްއީސްޓްއައި ބުނާގޮތުން ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ޙައްޖަށް ދާން ބޭނުންވާ ހައްޖުވެރިންގެ އެޕްލިކޭޝަންތައް އެއްކުރުމާއި ޙައްޖުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނީގައި އިންޑިއާގެ މޯދީއާ ގާތް ގުޅުމެއް އޮންނަ ބޮޑު އިންވެސްޓަރަކު ހިމެނެއެވެ.

މިދިޔަ ހަފްތާގައި ސައުދީގެ ކަމާބެހޭ ފަރާތްތަކުން އިއުލާންކުރި ގޮތުގައި އޮސްޓްރޭލިއާ، ޔޫރަޕް އަދި އެމެރިކާއިން ހައްޖަށްދާ މީހުން ސަރުކާރުގެ ޕޯޓަލް މުތޮއްވިފް މެދުވެރިކޮށް ވިސާއަށް އެދި ހުށަހަޅަން ޖެހޭނެ އެވެ.

މި އާ އުސޫލުގެ ތެރެއިން ހޮވޭ ފަރާތްތަކަށް "އޮޓޮމެޓިކް ގުރުއަތު" ނިޒާމެއްގެ ތެރެއިން ޖާގަ ލިބޭނެ ކަމަށާއި، އެއަށް ފަހު ސީދާ ސައުދީ ސަރުކާރުގެ ޕޯޓަލް މެދުވެރިކޮށް ދަތުރުފަތުރާއި އެކޮމޮޑޭޝަން ހަމަޖެއްސޭނެ ކަމަށެވެ.

މެދުއިރުމަތީގެ ޚަބަރުތައް ބުނާގޮތުން ދުބާއީގައި ހުންނަ ޓްރެވީޒީ ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓްތައް ހޯދާ ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އަލަށް މި ހަމަޖެއްސި އުސޫލާއެކު މުތޮއްވިފް މެދުވެރިކޮށް ހުޅަނގުގެ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ޚާއްސަކޮށް ކޮންޓްރެކްޓް ކޮށްފައިވާ މި ކުންފުނީގެ ވެރިއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ގުޅުން އޮންނަ ފަރާތެކެވެ.

ޕްރަސަންތް ޕްރަކާޝް ނަމަކަށް ކިޔާ މި މީހާގެ ކުންފުންޏަށް ޙައްޖު މީހާ ގާތްވެފައި ވަނިކޮށް މިހާ ފައިދާ ބޮޑު ވިޔަފާރިއެއް ސަޢޫދީޢަރަބިއްޔާއިން ދިނުމަކީ ބަލައިގަންނަން ދަތި ނުރައްކާތެރި ކަމެއް ކަމަށް އިންޑިއާގެ މުސްލިމު ބައެއް ވެރިން ވެސް ވަނީ ހާމަ ކުރައްވާފައެވެ.