ނުވަ މީހުންނާއި އެކު ގާފަރު ކައިރިން ދަތުރުކުރި ސަފާރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މި ސަފާރީގައި އަލިފާން ރޯވެފައިވަނީ ރޭ 22:51 ހާއިރު ކ. ގާފަރާ ދިމާ 13 މޭލު ހުޅަނގުން ދަތުރު ކުރަމުން ދަނިކޮށެވެ.
"އަވި" ނަމަކަށް ކިޔާ މި ސަފާރީގައި ޖުމްލަ ނުވަ މީހުން ތިބި އިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ސަފާރީގައި ތިން ފަތުރުވެރިންނާއި ހަ ފަޅުވެރިން ތިބި އިރު މި އެންމެން ވެސް ވަނީ ސަފާރީގެ ޑައިވިންގް ދޯންޏަށް ބަދަލުވެ ސަލާމަތް ވެފައެވެ.
އެމްއެންޑީއެފް އިން ބުނީ މި މަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ފަޔަރު ލޯންޗާއި ހާބަކްރާފްޓް ލޯންޗުގެ އިތުރުން ކޯސްޓްގާޑްގެ ސީއެމްބިއުލާސް އެ ސަރަޙައްދަށް ދަތުރުކޮށް ފަސިންޖަރުންނާއި ފަޅުވެރިން ކ. ގާފަރަށް ގެންގޮސްފައިވާ ކަމަށެވެ.

ރޭ ދަންވަރު 1:21 ގައި އެންއެންޑީއެފްއިން ބުނީ ރޯވި ސަފާރީ މިހާރު ވަނީ އެއްކޮށް އަޑިޔަށް ގޮސްފައި ކަމަށެވެ. ކޯސްޓްގާޑު ހާބަރކްރާފްޓާއި ފަޔަރު ލޯންޗު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންކަމަށެވެ.
މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފު ވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!