ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާގެ ސެކިޔުރިޓީ ފޯސް އެސިސްޓެންސް ބްރިގޭޑް (އެސްއެފްއޭބީ) އާ ގުޅިގެން އެމްއެންޑީއެފުން ހިންގި "އެކްސަސައިޒް ބްލެކް މަރލިން 2022" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ޖޫން 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި އެ ތަމްރީނުތަކުގައި ބައިވެރިވި ދިވެހި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ޔޫއެސް ޕެސިވިކްގެ ޑެޕިއުޓީ ކޮމާންޑިންގ، މޭޖަރ ޖެނެރަލް ކްރިސް ސްމިތުއެވެ. އަދި، އެމެރިކާގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ.

Ad
rt

މި ރަސްމިއްޔާތުގައި ތަމްރީނު ހިންގުމުގައި އެމެރިކާ އަސްކަރިއްޔާއިން ދެއްވި އެހީތެރިކަން ފާހަގަކުރައްވައި، އެމްއެންޑީއެފުން ވަނީ އެމެރިކާ އަސްކަރިއްޔާއަށް މޮމެންޓޯއެއް ހަދިޔާ ކުރައްވާފައެވެ. އެމްއެންޑީއެފްގެ ފަރާތުން މި މޮމެންޓޯ އެމެރިކާ އަސްކަރިއްޔާއަށް ހަދިޔާކުރެއްވީ އެމްއެންޑީއެފް މެރިން ކޯރ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ.

އެމެރިކާ އަސްކަރިއްޔާގެ އެސްއެފްއޭބީ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި މި ތަމްރީނު ހިންގާފައިވަނީ 2022 މެއި 15 އިން 2022 ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް، ޅ.މާފިލާފުށީގައެވެ. މިއީ، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި "އެކްސަސައިޒް ބްލެކް މަރލިން" ގެ ދެވަނަ ތަމްރީނު އެކްސަސައިޒެވެ.

މި އަހަރުގެ މި ޓްރެއިނިންގ އެކްސަސައިޒް ފޯކަސްކުރި ދާއިރާތަކަކީ އިންފެންޓްރީއާއި، މެޑިކަލް ކޮމްބެޓާއި، ލޮޖިސްޓިކްސް އަދި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ) ދާއިރާއިންނެވެ. މިގޮތުން މި ތަމްރީނުތައް ކުރިއަށްދިޔައިރު، ސިމިޔުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރިއެވެ. މިޓްރެއިނިންގ އެކްސަސައިޒްގައި އެމެރިކާ އަސްކަރިއްޔާގެ ފަރާތުން 25 މުދައްރިބުން ބައިވެރިވިއެވެ. އަދި މި ތަމްރީނު ތަކުގައި އެމްއެންޑީއެފްގެ 70 ސިފައިން ބައިވެރިވިއެވެ.

އެކްސަސައިޒް ބްލެކް މަރލިން ފުރަތަމަ ބޭއްވުނީ 2021 ފެބުރުވަރީ 24 އިން 5 އެޕްރީލް 2021 އަށް މާފިލާފުށީގައެވެ. ފުރަތަމަ ފަހަރު ބައިވެރި ކޮށްފައިވަނީ 30 ސިފައިންނެވެ. އަދި އެމެރިކާ އަސްކަރިއްޔާއިން 14 މުދައްރިބުން އެފަހަރު ބައިވެރިވިއެވެ.

"އެކްސަސައިޒް ބްލެކް މަރލިން" ތަމްރީނަކީ ސިފައިން އަދާކުރަންޖެހޭ އޮޕަރޭޝަނަލް ޓާސްކުތަކަށް ތަމްރީނުކޮށް، ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށާއި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ރެޑިނަސް އަދި ކޭޕެބިލިޓީ އިތުރު ކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.