ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮތުމަށް ގާނޫނުން އަންގާ ވަރަށް މެމްބަރުން ހަމަނުވާތީ އުވާލަން ނޯޓިސް ދިން ހުރިހާ ޕާޓީއަކުން މެމްބަރުން ހަމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ތިން މަހުގެ ނޯޓިސް އެއް ދިނީ ޑީއާރްޕީ، އެމްޓީޑީ، އެމްއެލްއެސްޑީޕީގެ އިތުރުން އެމްއާރްއެމަށެވެ. އެ ޕާޓީތަކަށް ދިން މުއްދަތު ވަނީ ރެއަށް ހަމަވެފައެވެ.

Ad
rt

އިލެކްޝަނުން އެކަމުގެ ތަފީސްލު މިއަދު އާންމުކުރި އިރު މި ހަތަރު ޕާޓީން ވެސް ވަނީ މެމްބަރުން ހަމަކޮށްފައެވެ. އެގޮތުން އެމްއާރްއެމްއިން ވަނީ 2280 މެންބަރުން ތިއްބާ އިތުރު 1397 މެމްބަރުން ހޯދާފައެވެ. މިއާއެކު އެ ޕާޓީގައި މިހާރު ތިބީ 3،667 މެމްބަރުންނެވެ.

ޑީއާރްޕީއަށް އިތުރު 731 މެންބަރުން ހޯދަން އެންގުމުން އެ ޕާޓިން 788 މެންބަރުން ހޯދި އިރު ޕާޓީގައި މިހާރު ތިބީ 3057 މެމްބަރުންނެވެ. އަދި އެމްޓީޑީއަށް ހޯދަން ޖެހުނީ 543 މެމްބަރުންނެވެ. އެ ޕާޓީން ވަނީ ދިން މުއްދަތުގެ ތެރޭގައި 962 މެންބަރުން ހޯދާފައެވެ. އެހެންވެ އެ ޕާޓީގައި މިހާރު 3،419 މެމްބަރުން އެބަ ތިއްބެވެ.

މީގެ އިތުރުން އެމްއެލްއެސްޑީޕީއަށް އިތުރު 309 މެންބަރުން ހޯދަން ވެސް އަންގުމުން ހޯދި 376 މެންބަރުނާއި އެކު އެ ޕާޓީގައި މިހާރު 3،067 މެމްބަރުން އެބަތިއްބެވެ.