ތުއްތު ދަރިފުޅުގެ ބޮޑުކަމުދާ ތަކެތި ހަރުވުމަށް (ކޮންސްޓިޕޭޓް) ވުމަށް ދިމާވާ އެތައް ސަބަބުތަކެއް ވެއެވެ. މިސަބަބުތައް އެނގުމާއި، ގޭގައި ދަރިފުޅަށް ދެވިދާނެ ފަރުވާތައް އެނގުމާއެކު ޑޮކްޓަރަށް ދާންވީ ކިހާވަރެއް ވީމާކަން އެނގުމަކީ ކޮންމެ ބެލެނިވެރިއަކަށްވެސް އެނގުން މުހިންމު މަޢުލޫމާތު ތަކެކެވެ.

އެންމެ ފުރަތަމަ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ، ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް ކަމެވެ. އަދި އެކި ކުދިން ދިރި އުޅޭ މާޙައުލާއި، ކާ ކާނާއާއި، ކާނާ ހަޖަމުވާ އަވަސް މިނާއި، ހެލިފެލިވެ އުޅޭ މިންވަރަށް ބިނާކޮށް، އެކުދިން ބޮޑުކަމުދާ މިންވަރަށް ބަދަލު އާދެއެވެ.

Ad
rt

ގާތުންދޭ ކުދިންނަށް މިމައްސަލަ ދިމާވާ މިންވަރު މަދު ކަމުގައި ފާހަގަވެއެވެ. ސަބަބަކީ ﷲ ތަޢާލާ މައިމީހާގެ ހަށިގަނޑުގައި ތުއްތު ދަރިފުޅަށް ލައްވާފައިވާ މި ކާނާގައި، ފެޓާއި ޕްރޮޓީން ހިމެނޭ މިންވަރު ޤުދުރަތީ ގޮތުން ބެލެންސް ވެފައިވާތީއެވެ. ނަތީޖާއެއްގެ ގޮތުން، ދުވަސްކޮޅަކު ބޮޑުކަމު ނުގޮސް ހުރެފައި ދަރިފުޅު ބޮޑުކަމުދާއިރުވެސް އެހާ ހަރު ނުވެ ފަސޭހަކަމާއެކު ބޮޑުކަމުދެވެއެވެ. އެހެންކަމުން ގާތުންދޭ ކުއްޖެއް ނަމަ ވަކި އާންމު ތާވަލެއް ނެތި އެކުއްޖާ އަށް ފަސޭހަ ވަގުތު ތަކުގައި ބޮޑުކަމުދާނެއެވެ. ނަމަވެސް ފޯމިއުލާ ކިރު ދޭ ކުދިންނާއި ހަރު ކާނާ ކާކުދިން އާންމުކޮށް ދުވާލަކު އެއްފަހަރު ބޮޑުކަމުދާނެއެވެ.

ތުއްތު ކުދިން ކޮންސްޓިޕޭޓް ވުމަށް ދިމާވާ މައިގަނޑު ސަބަބުތައް

  1. ކާތަކެތި ކާން ފެށުމާއެކު ބައެއްފަހަރަށް ކޮންސްޓިޕޭޓް ވުން. މިޙާލަތުގައި ކޮންސްޓިޕޭޓް ވާނަމަ، އޯޓްސް ނުވަތަ ޕްރޫންސް ފަދަ ފައިބާގެ މިންވަރު ގިނަ ކާތަކެތި ކޮންމެވެސް ވަރަކަށް ދެވިދާނެއެވެ.
  2. ފޯމިއުލާ ކިރު ބުއިން. ފޯމިއުލާގައި ހިމެނޭ ބައެއް ޕްރޮޓީން ތަކުގެ ސަބަބުން ބައެއް ކުދިން ކޮންސްޓިޕޭޓް ވެދާނެއެވެ. މިފަދަ ކަމެއް ވާހެން ހީވާނަމަ ޑޮކްޓަރާއި ސުވާލު ކުރައްވާށެވެ.
  3. ޑީހައިޑްރޭޓް ވުން. ހަށިގަނޑަށް ފެން އެތެރެވާ މިންވަރު ދަށްވެ، ޑީހައިޑްރޭޓް ވުމުން، ހަށިގަނޑަށް އެތެރެވާ ތަކެތިން ވީހާވެސް ގިނައިން ފެން ދަމައިގަނެއެވެ. ނަތީޖާއެއްގެ ގޮތުން، ހަޖަމުގެ ނިޒާމުން ނިމި، ބޭރުވެގެންދާއިރު، ހިކިކޮށް ހަރުކޮށް ހުރެމެ ބޮޑުކަމުދާ ތަކެތި ބޭރުވެގެން ދެއެވެ.

ގޭގައި ދެވިދާނެ ފަރުވާތައް

  1. ކުއްޖާ އެނދުމަތީގައި އުއްޑުން ބޭއްވުމަށްފަހު، ބައިސްކަލު ދުއްވާއިރު ފައި ހަރަކާތް ކުރާ ފަދައިން ދަރިފުޅުގެ ފައި ހަރަކާތް ކުރުވާލުން.
  2. ތުއްތު ދަރިފުޅުގެ ބަނޑު މަސާޖުކޮށްލުން. މަސާޖު ކުރަން އެންމެ ރަނގަޅު ގޮތަކީ، ކުޑަކޮށް ފިއްތާލާ ގޮތަށް، ކުއްޖާގެ ފޫޅުގެ ކަނާތްފަރާތު ތިރިން ފަށައިގެން މައްޗަށް ގޮސް، ފަޅި ވަށްބުރަކަށް ވާގޮތަށް ފޫޅުގެ ވާތް ފަރާތު ތިރި އާދިމާލަށް އުނގުޅާލާ ނިންމާލުމެވެ. މިފަދައިން މަސާޖު ކުރާނީއެވެ.
  3. ކުއްޖާއަށް ދެނީ ފޯމިއުލާ ކިރު ނަމަ، ޑޮކްޓަރާއި ވާހަކަ ދައްކައިގެން ކުއްޖާއާ އެކަށޭނަ ވައްތަރެއްގެ ފޯމިއުލާ އަކަށް ބަދަލުކޮށްލުން.
  4. ދަރިފުޅަކީ ރަނގަޅަށް ކާނާ ކާވަރުގެ ބޮޑު ކުއްޖެއް ނަމަ، ހަނޑުލާއި ދޮންކެޔޮ ފަދަ ބޮޑުކަމުދާ ތަކެތި ހަރުކުރުވާ ކާނާތައް މަދުކޮށް، ޕްރޫންސް، އެޕްރިކޮޓްސް، އޯޓްސް، ފަދަ ފައިބަރ ގިނައިން އެކުލެވޭ ކާނާ ގިނައިން ހިމެނުން.

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟

ތިރީގައިވާ ޢާލާމާތްތަކުން ކުރެ ޢަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ.

  1. އެއްވެސް ވަރަކަށް ނުކެއުން.
  2. މާ ގިނައިން ހޮޑުލުން.
  3. ބަނޑު މާ ބޮޑަށް ފުއްޕާފަ ހުރުން.
  4. ބޮޑުކަމުދާއިރު އުނދަގޫވާތީ ނުވަތަ ތަދުވާތީ އުޅުން.
  5. ގޭގައި ދިނުމަށް މަތީގައި ޒިކުރު ކުރެވުނުފަދަ ފަރުވާއެއް ދީގެން ރަނގަޅު ނުވުން.
  6. ބޮޑުކަމުދާތަކެތި މާބޮޑަށް ހަރުވެ، އެހިސާބުގަނޑު ކުޑަށްކޮށް ފަޅައިގެންގޮސް ލޭއައުން. މިހެން ވެއްޖެ ނަމަ ފަޅައިގެން ގޮސްފައިވާ ތަނުގައި ކުޑަ ވެސްލިން ކޮޅެއް އުނގުޅާލުމަށްފަހު ލަސްނުކޮށް ޑޮކްޓަރަށް ދާންވާނެއެވެ.

މަޢުލޫމާތު ނެގިފައިވަނީ: https://www.babycenter.com އިންނެވެ.