ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށް ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމަކީ ފާޅުކަން ބޮޑު ބޭ އިންސާފެއް ކަމަށް ނިންމައި، އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަށް ދޭން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

2016 ވަނަ އަހަރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން، 37 އަހަރުވީ ހަވީރު ނޫހާއި އޮންލައިން ނެރުން ހުއްޓުވާލީ ހަވީރުގެ ހިއްސާދާރުން ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމްގެ ފަރާތުން ދައުވާ ކުރުމުންނެވެ. އެ މީހުންގެ ހިއްސާއެއް ނެތް ކަމަށް ސިވިލް ކޯޓުން 2014 ގައި ނިންމާފައި ވަނިކޮށް ހައި ކޯޓުން 2015 ވަނަ އަހަރު ނިންމީ އެ މީހުންގެ ހިއްސާ އެބައޮތް ކަމަށެވެ.

Ad
rt

ހައި ކޯޓުގެ ހުކުމް ޒާހިރުގެ ފަރާތުން އޭރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމުން ރިވިއުކުރަން ޒާހިރުގެ ފަރާތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މައްސަލަ އަލުން ބަލައިގަނެ، ކުރިއަށް ގެންދިއުމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ގާނޫނީ ބޮޑު ބަހުސެއް އެބައޮތް ކަމަށެވެ. އަދި އެފަދަ ބޮޑު ގާނޫނީ ބަހުސެއް އޮއްވާ އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަކީ ފާޅުކަން ބޮޑު ބޭ އިންސާފަކަށް ވާނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ނިންމީ 30 ދުވަސް ތެރޭގައި އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޒާހިރަށް ދިނުމަށެވެ.

ހަވީރު ނޫސް ކޯޓު އަމުރަކުން ހުއްޓުވާލުމުން އެ ނޫހުގެ މުވައްޒަފުން އެހެން މީޑިއާއެއް އަމިއްލައަށް އުފައްދައިގެން މަސައްކަތްކުރަން ފެށި އެވެ. އެކަން ހުއްޓުވަން ވެސް ސިވިލް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ހައި ކޯޓުން ފަހުން ބާތިލްކުރި އެވެ.