މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް ޑރ ޝަހީމް މަދީނާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަ ކުރައްވަމުން އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ވިދާޅުވީ އެ ޖަމިއްޔާގެ ރައީސް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޚާއްޞަ ދަޢުވަތަކަށް މިރޭ ސަޢޫދީ ޢަރަބިއްޔާ އަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

Ad
rt

މިދަތުރުގައި އެ ޔުނިވަރސިޓީ ގައި ދިވެހި ދަރިވަރުންގެ ޢަދަދު އިތުރު ކުރުމާއި ޔުނިވަރސިޓީގެ ދީނީ ކުއްލިއްޔާތަކުގެ އިތުރުން، މިހާރު އުފައްދާފައިވާ ޢިލްމީ އެހެނިހެން ކުއްލިއްޔާތަކުން ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދުމާމެދު ޔުނިވަރސިޓީގެ ވެރިންނާ ޑރ. ޝަހީމް މަޝްވަރާ ކުރައްވާނެއެވެ.

އަދި ޔުނިވަރސިޓީގެ 58 ވަނަ ދަސްވެނިވުމުގެ ޙަފްލާގައި ޚާއްޞަ މެހުމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޑރ. ޝަހީމަކީ އިސްލާމީ ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގެންފައިވާ، އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްލާމީ 500 ޝަޚްޞިއްޔަތުންގެ ލިސްޓުން ޖާގަ ހޯދައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން ( އައިއޯސީސީ) އަކީ ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އިސްލާމީ އުންމަތުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާކަމުގައިވާ "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ( އޯއައިސީ)" ނަމޫނާއަކަށް ބަލައިގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ ޤައުމީ ފެންވަރުގެ މުއައްސަސާއެކެވެ.
ޖިއްދާގައި ހުންނަ އޯއައިސީގެ ދަށުގައި ފަސް ޔުނިވަރސިޓީއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޯއައިސީ ހިއުމަން ރައިޓްސް ކޮމިޝަންއާއި އޯއައިސީ އިސްލާމިކް ސޮލިޑަރިޓީ ފަންޑާއި ތުރުކީގައި ހުންނަ އޯއައިސީ އިސްލާމިކް ރިސާރޗް ސެންޓަރާއި ޖިއްދާގައި ހުންނަ އިސްލާމިކް ނިއުސް އޭޖެންސީއާއި އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީއާއި ތުރުކީގައި ހުންނަ އޯއައިސީ ޒުވާނުންގެ ޖަމިއްޔާއާއި ޖިއްދާގައި ހުންނަ އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރާއި މޮރޮކޯގައި ހުންނަ ތަޢުލީމާއި ތަރުބިޔަތާ ބެހޭ ޖަމިއްޔާ (އިސެސްކޯ) އުފެދިފައިވެއެވެ.