ޔުއެފާ ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗްތަކުން ސްވިޒަލެންޑް އަތުން 1-0 އިން ޕޯޗުގަލް ބަލިވެ، ޗެކް ރިޕަބްލިކް އަތުން 2-0 އިން ސްޕެއިން މޮޅުވެ ގްރޫޕްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ގްރޫޕްގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކު އެެވެ. ހަތް ޕޮއިންޓް އާއި އެކު ޕޯޗްގަލް ދެވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތް ޗެކް ރިޕަބްލިކްއަށް ލިބެނީ ހަތަރު ޕޮއިންޓެވެ.

Ad
rt

މިރޭގެ މޮޅާ އެކު ފުލުގައި އޮތް ސްވިޒަލެންޑަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މެޗް ގެ 57 ވަނަ ސިކުންތުގައި ސްވިޒްލެންޑް ވަނީ ގޯލް ޖަހާފައެވެ. މީ 2018 ވަނަ އަހަރު ފެށި މި މުބާރާތުގެ މިހާތަނަށް ފެނުނު އެއްމެ އަވަސް ގޯލް އެވެ. މި ގޯލް ޖަހައިދިނީ ސިލްވައިން ވިލްޑްމާ ނެގި ހުރަހަކުން ހަރިސް ސެފެރޯވިޗް އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ކުޅުނު ޕޯޗްގަލް ގެ ގިނަ ހަމަލާތަކެއް ސްވިޒިލެންޑްގެ ކީޕަރ ޖޮނަސް އޮމްލިން ވަނީ މަތަކޮށްފައެވެ. މެޗްގައި މޮޅަށް ކުޅުނު ޕޯޗްގަލް ވަނީ 8 ހަމަލާއެއް ގޯލާ އަމާޒް ކޮށް ފޮނުވާލައިފައެވެ.

މި ގްރޫޕްގައި ޗެކްރިޕަބްލިކް އަދި ސްޕެއިން ބައްދަލު ކުރި މެޗް ސްޕެެއިން ކާމިޔާބް ކުރީ 2-0 ގެ ނަތީޖާއިންނެވެ. ފުރަތަމަ ގޯލް 24 ވަނަ މިނިޓްގައި ޖަހައިދިނީ އެސެންސިއޯ ހުސްކޮށްލާފައި ދިން ފުރުސަތަކުން ކާލޮސް ސޮލެއާވެ. ސްޕެއިނުން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 75 ވަނަ މިނިޓްގައި ފެރާން ޓޮރޭޒްގެ އެހީތެރިކަމާއެކު ޕަބްލޯ ސަރާބިއާގެ ގޯލުންނެވެ.

ނޭޝަސް ލީގް ގައި އާދީއްތަ ދުވަހު ކުޅުނު މެޗްތަކުގެ ނަތީޖާ

  • ސްވިޒްލެންޑް -1 ޕޯޗްގަލް -0
  • ސްޕެއިން -2 ޗެކްރިޕަބްލިކް -0
  • ނޮދަން އަޔަލޭންޑް -2 ސައިޕްރަސް -2
  • ނޯވޭ -3 ސްވިޑެން -2
  • ޖިއޯޖިއާ -0 ބަލްގޭރިއާ -0
  • ނޯތު މެސަޑޯނިއާ -4 ޖިބްރުލްޓާ -0
  • ސްލޮވޭނިއާ -2 ސާބިއާ -2
  • ގްރީސް -2 ކޮސޯވޯ -0
  • މަލްޓާ -1 ސަންމެރީނޯ -0

މިރޭވެސް މި މުބާރާތުގެ 5 މެޗެއް ކުޅޭނެއެވެ. 19:00 ގައި (ކަޒަކަސްތާން / ސުލޮވޭކިއާ) 21:00 ގައި (އަޒަރުބައިޖާން / ބެލަރޫސް) 23:45 ގައި (ޑެންމާކް/ އޮސްޓްރިއާ) (ފްރާސް / ކޮރޭޝިއާ) (އައިލެންޑް / އިސްރާޢީލް)