މިދިޔަ މެއި މަހު މީރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ދައުލަތަށއ 1.28 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މެއި މަހު ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 63 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، މެއި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މެއި 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އެއާޕޯޓް ޓެކުހާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު އާމްދަނީއަށް ލިބިފައިވާ ކުރިއެރުމެކެވެ. މިއީ ޖީއެސްޓީއާއި ނޮން ރެޒިޑެންޓް ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއެކު ޖުމުލަ އާމްދަނީއަށް ލިބުނު ކުރިއެރުމެއްކަމަށްވެސް މީރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 829.4 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 105.8 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 96.5 މިލިއަން ރުފިޔާ ލިބުނިއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 60.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 59.8 މިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ.
މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 53.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!