ޓެކާސް މޯލްޑިވްސް ކަޕުގެ ފައިނަލުގައި ހދ. ކުޅުދުއްފުށި ބަލިކޮށް މުބާރާތުގެ ތަށި ގދ. ވާދޫއިން ހިއްލާލައިފި އެވެ. މިމެޗު ވާދޫއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4 - 0 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ފައިނަލުގައި ވާދޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް މަޝްހޫރު ފުޓްސަލް ތަރި އަދި ވާދޫގެ ކެޕްޓަން އަޔާއާއި އެޓީމުގެ ފާހަގަކޮށްލެވޭ ޒުވާން ތަރިން ކަމަށްވާ އިޔާދު، ޝައުފް އަދި ނައްޓުއާއި ޒައިދާންގެ ކުޅުން ފާހަގަކޮށްލެވެ އެވެ.
ފަސޭހަކަމާއެކު 4 - 0 ން ވާދޫއިން މެޗު ކާމިޔާބުކުރިއިރު މިމެޗުގައި ވާދޫގެ ލަނޑުތައް ޖަހައިދިނީ އިޔާދު، ނަޝާހް (ނައްޓު) އަދި އެޑްބާ އެވެ. އިޔާދު ވަނީ މިމެޗުގައި ދެލަނޑު ޖަހާފަ އެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވާދޫގެ ކެޕްޓަން އަޔާޒް އަހްމަދު (އަޔާ) އެވެ. މިމެޗުގައި އަޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ޖުމްލަކޮށް ބަލާއިރު މުޅި ވާދޫ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ޓެކާސް މޯލްޑިވްސް ކަޕުގެ އެންމެ މޮޅު މެނޭޖަރަކަށް ވާދޫގެ މެނޭޖަރު އަލީ ނަދީމު ހޮވުނުއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ބ. ކިހާދޫގެ އަހްމަދު އާހިލް އާމިރެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމު ހާސިލްކޮށްފައިވަނީ ޓީމް ކުޅުދުއްފުށީގެ ގޯލްކީޕަރު މާހީ އަބްދުﷲ އެވެ. މުބާރާތުގެ ޕްލޭމޭކަރުންނަށް ހޮވިފައިވަނީ ޅޮހީގެ އަލީ އަކްޝަމްގެ އިތުރުން ހަނިމާދޫގެ އަލީ އާމިރާއި ކިހާދޫގެ އަހްމަދު އާހިލް އާމިރު އަދި ކޮނޑޭގެ މުހައްމަދު އިމްތިޔާޒެވެ.
މުޅި މުބާރާތުގެ ޓޮޕް ސްކޯރާއަކަށް ހޮވުނީ ހަނިމާދޫގެ އާސިފް ސަލީމް (އާސިއްޕެ) އަދި ޝާމިހް އަލީ ޝަރީފެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އާސިއްޕެގެ އިތުރުން މުލަކުގެ އާނާއާއި ޓީމު ކޮނޑޭގެ އިބްޝަލް އަދި މާފަރުގެ އިރުޝާދު (އޭޑީ)އާއި ވާދޫގެ ކުޅަދާނަ އަޔާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ރާއްޖޭގެ ފުޓްސަލް ކިންގްކަން ހޯދާފައިވަނީ ޓީމު ކުޅުދުއްފުށީގެ ކެޕްޓަން އަހްމަދު ދާއޫދު އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!