ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް އެކްސްޕޯޓު އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ބުނެފިއެވެ.

މުމްބާއީ ގައި ހުންނަ އެގްޒިމް ބޭންކުގެ މައި އޮފީހުގައި ދިވެހި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވެޑް ވިދާޅުވީ ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިސާދު ހުރި މިންވަރަށް މިހާރުވެސް އާދެވިފައި ވާކަމަށެވެ.

Ad
rt

އަދި މިހާރުވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އައުމާއެކު ރާއްޖޭގެ އިގްތިސާދާމެދު އެ ބޭންކުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން އިންޑިއާގެ އެގްޒިމް ބޭންކުން ހާމަ ކުރައްވާފައިވެއެވެ.

އެގްޒިމް ބޭންކުން ބުނީ ދިވެހި އިޤްތިޞާދު ގާތުން ބަލަމުން އަންނަ ކަމަށާއި، ރާއްޖޭގައި ތަރައްޤީގެ މަޝްރޫއުތައްވެސް މިވަގުތަށް މަޑުޖައްސާލަން ޖެހޭ ހާލަތެއް ނެތްކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިހާތަނަށް 1.2 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު ދީފައިވާ ބޭންކެކެވެ.

މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅާލުމުުގެ މަޝްރޫއަށް އެގްޒިމް ބޭންކް އިން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

މިއީ މިހާތަނަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ އެންމެ ބޮޑު އުމްރާނީ މަޝްރޫއެވެ.