ރާއްޖޭގެ ވެރިކަމަށް އިންތިޚާބުވެއްޖެނަމަ އެ ދުވަހަކުން ރާއްޖޭގައި ޤިސާސް ހިފައި، ކުށްވެރިންނަށް ޙައްޤު އަދަބު ދެއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މިހެން ވިދާޅުވީ، މި ސަރުކާރުގެ މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ ސިޔާސަތު ހާމަކުރަށްވަމުން ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ މިއަދު ދެއްކެވި ވާހަކައާއި ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މަރުގެ ޙުކުމް ތަންފީޒު ކުރުމާއިގުޅޭ ގޮތުން ވޭތުވެ ދިޔަ ބައި ގަރުނެއްހާ ދުވަހު ދިވެހި ދައުލަތުން އަމަލު ކުރަމުން އަންނަ ގޮތަކީ މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތްކަމަށެވެ. އަދި އެއީ މި ސަރުކާރުން އަލަށް އުފަންކުރި ސިޔާސަތެއްނޫން ކަމަށާއި، އެއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުންއައި ގޮތްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ މިވާހައާއި ގުޅިގެން އުމަރު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުން ކުރީ ސަރުކާރުން ގެންގުޅުނު ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކޮށް، ޤަވާއިދު އެކުލަވާލާ ގެޒެޓް ކުރެވުނު ކަމަށެވެ.

"އަޅުގަޑުގެ މިނިސްޓަރު ކަމުގައި ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމިފައި ހުރި އެއްވެސް ޤައިދީ އަކު ނެތް. އެ މަރުހަލާ ނިމިގެން އަޅުގަޑާ ހަމައަށް އައިނަމަ، އަދި ވާރިސުން އެދޭނަމަ، މަރުގެ އަދަބު ތަންފީޒް ކުރެވުނީސް." އުމަރު ވިދާޅުވެފަވެއެވެ.

އުމަރު ވިދާޅުވީ، ޤިސާސް ހިފަންވީތޯ ނުވަތަ މައާފް ކުރަންވީތޯ އެއީ ދައުލަތަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މަރުވި މީހާގެ ވާރިސުންގެ ހައްޤެއް ކަމަށާއި، އެމީހުން އެދޭނަމަ ޤިސާސް ހިފަން ޖެހޭކަމަށް ވިދާޅުވިއެވެ.

"ﷲ ގެ ވާގިފުޅާ އެކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް ގައި އަޅުގަޑު އިށީންނަ ދުވަހު ޤިސާސް ހިފާނެ. ކުށްވެރިންނަށް ހައްޤު އަދަބު ލިބޭނެ. އާއިލާތަކަށް އިންސާފު ލިބިދެވޭނެ. އަމާން ޤައުމަކަށް ރާއްޖެ ބަދަލުވާނެ" އުމަރު ވިދާޅުވެފަވެއެވެ.

އުމަރު މިހާރު ގެންދަވަނީ އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަށްވަމުންނެވެ. އޭނާ އަކީ އަންނަ ރިޔާސީ އިންތިޚާބަށް އެންމެ ދުރާލާ ސީދާ މަސައްކަތްފެއްޓި ފަރާތެވެ. އުމަރު ފެއްޓެވި ކެމްޕެއިންގެ ވޯރމްއަޕް ހަރަކާތްތައް މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 7 ވަނަ ދުވަހު މެދުކަނޑާލެއްވިއެވެ. އެއީ އޭނާގެ ހޯމް މިނިސްޓަރުކަމުގައި 2015 ވަނަ އަހަރު ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީ އިން ތުހުމަތު ކުރާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގު ނިންމާ ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވުމުންނެވެ.

ނަމަވެސް އެމައްސަލާގައި އޭނާގެ މައްޗަށް ކުއްސާބިތުވެފައި ނުވާތީ، "ހުދު ވަލުގެ ހުދު ކަން" އިނގިގެން ހިނގައްޖެކަމަށް ވިދާޅުވެ އޭނާ ވަނީ އަލުން މިއަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހު ކެމްޕެއިން ފައްޓަވާފައެވެ.