ސަޢޫދީ ރަސްގެފާނަށް ރައީސް ޞާލިޙް ފޮނުއްވި ޚާއްޞަ ސިޓީފުޅެއް ހިއްޕަވައިގެން ދިވެހި ޚާރިޖީ ވަޒީރު، އަދި އދ ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒަށް ފޮނުއްވި ސިޓީފުޅު ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއަށް ޙަވާލު ކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރުން ސައުދީގެ އެހީތެރިކަން ލިބިގެން ހިންގަމުންދާ މަޝްރޫއުތަކާއި އަދި އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިިނިސްޓަރު ޝާހިދު އާއި އަމީރު ފައިސަލް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ސައުދީން ވަނީ ކުރިއަށް ވުރެ ވެސް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ.
އެގޮތުން، އެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއުގެ ވަރަށް ބޮޑު ބައެއް ވެސް ހިންގަނީ ސައުދީ ފަންޑުގެ ލޯނުންނެވެ.
ރައީސް އިބްރާހީމްގެ ސަރުކާރުން ހައްޖު ކޯޓާ ހޯދުމާއި އަދި ސައުދީ ސަރުކާރުން އަޅައި ދެއްވި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް ސައުދީ ސަރުކާރާއި އެކު ކުރި މަސްވަރާތައް ވަނީ ކޮޅެއްގައި ނުޖެހި ނިމިފަ އެވެ.
ރައީސް އިބްރާހީމް ސައުދީ ރަސްގެފާނަށް ފޮނުއްވާ ސިޓީގައި މިކަން ކަމަށް އިތުރަށް މަޝްވަރާކުރައްވަަން އެދި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!