ރާއްޖޭގެ ބައެއް މީޑިއާތަކުގައި ސިވލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ރައްދުވާގޮތަށް އެކޮމިޝަންގެ ބަހެއްނެތި ޙަޤީގަތާއި ޚިިލާފަ ތަފާތު އެކިއެކި ތުހުމަތުތަކާއި ދޮގު މައުލޫމާތު، ޚަބަރުގެ ގޮތުގައި ފަތުރަމުންދާކަން ފާހަގަކުރެވުމާއި ގުޅިގެން އެކަން އެގޮތައް ނުކުރުމަށް އަންގައިފި އެވެ،
އެ ކޮމިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެކޮމިޝަނުން ނިންމާ، ތަންފީޒު ކުރަމުންދާ ކަންކަމަކީ، ގާނޫނު ނަންބަރު 2007/5 ދިވެހި ސަރވިސްގެ ގާނޫނު ގެ 18 ވަނަ މާއްދާގެ ދަށުން އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިއްމާތަކާއި ސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ނިންމާ ކަންކަން ކަމުގަ އެވެ.
މިގޮތުން، ކޮމިޝަނުގެ މަސައްކަތްތައް ހިންގުމުގައާއި، ކޮމިޝަނުގެ އިދާރީ އޮނިގަނޑު ތަރުތީބުވެގެންވާ ގޮތުގައާއި، ކޮމިޝަނުގެ މަސައްކަތްތައް ކުރުމުގައާއި، ކޮމިޝަނުގެ ޕްރޮގްރާމްތައް ރޭވުމުގައާއި، ކޮމިޝަނުގެ ތަޙްޤީޤުތައް ހިންގުމުއާއި، ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، ކޮމިޝަނުން އަމަލު ކުރަނީ މިމާއްދާގެ (ބ) އިން އެ ކޮމިޝަނަށް ލިބިދޭ ފުރިހަމަ ޤާނޫނީ އިޙްތިޔާރާއި މިނިވަންކަމާއި ބާރުގެ ތެރެއިންކަމަށާއި އަދި ކޮމިޝަނުން ތަންފީޒުކުރާ ކަންކަމަކީ ކޮމިޝަނުގެ މެމްބަރުންގެ އަގުލަބިއްޔަތުން ނުވަތަ އިއްތިފާޤުން ނިންމާ ނިންމުންތަކާއި އެއްގޮތަށް ތަންފީޒުކުރާ ކަންކަތައްތަކެއް ކަމުގައި ފާހަގަ ކޮށްފައިވެއެވެ.
އެކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކާއި ގުޅިގެން ތަންފީޒުކުރާ ކަމެއްގެ ސަބަބުން އެއްވެސް ހިތްހަމަނުޖެނުމެއް އޮތްނަމަ އެކަމެއް ރައްދުވާ ފަރާތަކުން އެކަމަށް އިލްތިމާސްކޮށް އެ ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު އެފަރާތްތަކަށް ލިބިގެން ވާކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ކަމާގުޅޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވިފައިވާކަން ފާހަގަ ކޮށްފައިވެއެވެ.
އެ ކޮމިޝަނަށް ރައްދުވާ ގޮތަށް އެކިފަރާތްތަކުން ލިޔުއްވާ ޚަބަރުތައް ޝާއިއު ކުރުމުގެ ކުރިން ތަހުޒީބު ނޫސްވެރިކަމުގެ އަސާސްތަކާއި މިންގަނޑުތަކާއި އެއްގޮވާގޮތުގެ މަތިން މައްސަލައިގެ ހަފަރާތް ފެންނާނޭހެން އެކޮމިޝަނުން ބަހެއް ހޯދުމަށްފަހު ޝާޢިއު ކުރުމަށް ހުރިހާ މީޑިޔާތަކަށް އިލްތިމާސް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!