ދިވެހިރާއްޖޭގެ ޑިޖިޓަލް ޓެކްނޮލޮޖީ ދާއިރާ ކުރިއަރުވައި ބްރޯޑްބޭންޑް މާކެޓުގައި ވާދަވެރިކަން އިތުރު ކުރުމަށް ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމެއްގައެވެ.

Ad
rt

މި އެހީ ވޯލްޑް ބޭންކުން ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) ގެ ދަށުންނެވެ. މިއީ ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީވާ ވޯލްޑް ބޭންކުގެ ވިންޑޯއެކެވެ.

މި އެހީގެ ދަށުން ރާއްޖޭގެ އޮންލައިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރައްކާތެރިކަން އިތުރު ކުރުމާއި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ޑޭޓާ އާއި އެނަލެޓިކްސް ގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އެގޮތުން، ފާއިތުވި 10 އަހަރު ތެރޭގައި ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފުޅާވެފައި އޮތް ނަމަވެސް ގިނަ އަތޮޅުތަކުގައި އަދިވެސް އިންޓަނެޓް ހިދުމަތް ލިބުމުގައި ހޮންޖެހުންތަކެއް އެބަހުރި ކަމަށާއި މި ފަރަގުތަކުގެ ސަބަބުން ދިވެހިންނަށް ރައްކާތެރި ގޮތުގައި އެ ހިދުމަތް ހޯދަން ދަތިތަކެއް އެބަހުރި ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށް ގިރުން ފަދަ ކަންކަމުގެ ސަބަބުން ޑިޖިޓަލް ޓްރާންސްފޯމޭޝަން އާއި ލާމަރުކަޒީ ކުރުން މުހިންމު ވެފައިވާ ކަމަށް ވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ފަށާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް"ގެ ދަށުން ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗަރ އާއި ޑިޖިޓަލް އިކޮނޮމީ ފުޅާ ކުރުމަށް ގާނޫނާއި ގަވާއިދުތައް ހަދައި އިދާރީ އޮނިގަނޑުތައް ހަރުދަނާ ކުރާނެއެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާބިލުކަން ހަރުދަނާ ކުރުމަށް ވެސް އެހީ ފޯރުކޮށްދޭނެއެވެ.

މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އާއި އެންސީއައިޓީ ގުޅިގެންނެވެ.