މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ށ. އަތޮޅުގެ ހަތް ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ތަކަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިއެކުގައި މަސައްކަތްކޮށް، އެފަރާތްތަކުގެ ޙައްޤުތައް ހޯދައިދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަކޮށްގެން ހިންގުނު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ތަމްރީން ޕްރޮގްރާމް ތަކެކެވެ.
މި ތަމްރީން ޕްރޮގްރާމްތައް ފަށާފައި ވަނީ އިއްޔެއެވެ. ނިންމާލާނީ މިއަދުއެވެ.
ޖެންޑާއިން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްތައް މިފަހަރު ހިންގާފައިވަނީ ށ. އަތޮޅުގެ ހަތް ރަށެއްގައެވެ. އެ ރަށްތަކަކީ، ށ. މިލަންދޫ، ށ. ފޯކައިދޫ، ށ. ފޭދޫ، ށ. ބިލެއްފަހި، ށ. ގޮއިދޫ، ށ. ކަނޑިތީމް އަދި ށ. ފީވަކެވެ.
މި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔައީ މި ރަށްތަކުގެ އިދާރާތަކުގެ އިބަމަ މެންބަރުންނަށް އަމާޒުކޮށެވެ.
އިސްނަގައިގެން ދިވެހިރާއްޖޭގެ ހުރިހާ މުޖްތަމަޢުއެއްގައި ގާއިމު ކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޕްރޮގްރާމް ށ. އަތޮޅުގައި ފެށީ މިއަހަރުގެ މާރިޗް މަހުގެ 24 ވަނަ ދުވަހުއެވެ.
އިބަމައިގައި ހިމެނޭ މެންބަރުންނަކީ ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން ކަނޑައެޅޭ ފަރާތްތަކެކެވެ. އެ ފަރާތްތަކުގެ ތެރޭގައި ރަށު އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެއް ހިމެނެއެވެ.
އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތަކަށް ފަހި އަސަރު ކުރާނެ ކަމަށާއި އިބަމައިގެ މައިގަނޑު މަސައްކަތް ޓާގެޓް ކުރެވިފައިވަނީ އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވާފަރާތްތަކަށް ރަށުފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމުގައިވާތީ، މިމަސައްކަތުގެ ސަބަބުން އިންސާނީ ޙައްޤުތައް އެންމެނަށް ހަމަހަމަކޮށް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ފާހަގަ ކުރަށްވައެވެ. އަދި އިބަމަ ގާއިމު ކުރެވި، ކަނޑައެޅިފައިވާ ގޮތަށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މުޅި މުޖުތަމަޢުގައި ދެޖިންސުގެ ހަމަހަމަކަމަށް ސީދާ އަދި ނުސީދާ ގޮތުންވެސް އެދެވޭ ބޭނުންތެރި އަސަރުތަކެއް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!