ތުރުކީ ވިލާތުގައި އޮންނަ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިއަދު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ މި އަހަރުގެ ސެޕްޓެމްބަރ 29 އިން އޮކްޓޯބަރ 10އަކަށް ތުރުކީ ވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތެވެ.

Ad
rt

ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. އެހެންކަމުން މި މުބާރާތުގައި ހިމެނޭ ގޮފިތަކުން ދެ ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށް އެ މަރުކަޒުން ވަނީ ނިންމާފައެވެ. އަދި މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ އެންމެ ބައިވެރިއަކަށް ކަަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ދެ ގޮތްޕަކީ މުޅި ޤުރްއާން އެއްކޮށް ހިތުދަސް ކޮށްފައިވުމުގެ ބަޔާއި އަދި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގުމުގެ ބައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތަކަކީ، އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުމާއި، އިންޓަރނޭޝަނަލް މުބާރާތެއްގައި މީގެ ކުރިން ބައިވެރިވެ 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުމާއި އަދި ތުރުކީގެ ބައިނަލް އަޤްވާމީ މުބާރާތެއްގައި މީގެކުރިން ބައިވެރިވެފައި ނުވުމެވެ.

މީގެ އިތުރުން އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުމާއި އަދި ދިވެހިރައްޔިތެއް ކަމުގައިވުމަކީ ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް މި ހިނގާ ޖޫން މަހުގެ 15 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހަޅަން ޖެހެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރާނީ info@nchq.gov.mv އަށެވެ.

މިމުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައިކަމަށް އެ މަރުކަޒުން ވަނީ ހާމަކުރަށްވާފައެވެ.

މީގެ ކުރީން ވެސް ރާއްޖެއިން އަންނަނީ ބައިނަލްއަޤްވާމީމ މިފަދަ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވަމުންނެވެ.