ކުޑަކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް އެޅިފައިވާ ހުރަސްތައް ނައްތާލާ ޕްރޮގްރާމެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން "ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކޮންފަރެންސް އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގަތީ ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އިތުރުން ކުދިންގެ ބެލެނިވެރިންނާއި ސަރުކާރާއި އަދި ޔުނިސެފްގެ އޮފިޝަލުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޔުނިސެފާ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގުރާމްގެ މަޤުޞަދަކީ ކުދިން ހެދިބޮޑުވުމުގައި އެހީތެރިކަންދީ ކުދިންގެ ޤާބިލުކަން ހުރި އެންމެ މަތީ މިންވަރަކަށް، އެ ކުދިންގެ ޤާބިލުކަން އިތުރުކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިކަމުގެ ރަނގަޅު ހުނަރުތައް ބެލެނިވެރިންނަށް ދަސްކޮށްދީ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ޕްރޮގުރާމަކީ 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު" ގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ދިރިހުރުމާއި ތަރައްޤީއަށް ހުރި އެންމެބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ.
މިއީ އެކާވީސް ވަނަ ގަރުނުގެ ގޮންޖެހުންތަކާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައިންބަފައިންނާއި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް އިތުރަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކަށްވެސް ހައްލުތައް ހޯދުމަށް އަމާޒު ހިފާފައިވާ ޕްރޮގުރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!