ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް މީހުން ބިނާ ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަންނަ ޖުލައި މަހު ފަށަން ތައްޔާރުވަމުން އަންނަކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އިސްލާޙް ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ނިޔާޒް ވިދާޅުވީ މިހާރު ހުރި ގޮންޖެހުންތަކާ އެކު ވެސް، ހަތް ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރެވިފައިވާތީ އެއީ އެ ކައުންސިލުތަކަށް ޝުކުރުއަދާކޮށް، އެ ކައުންސިލްތަކުގެ މަސައްކަތަށް ސާބަސް ދޭން ކަމެއް ކަމަށެވެ.
11 ރަށެއްގެ ލޭންޑް ޔޫސް ޕްލޭން ނިމުމުގެ މަރުހަލާގައިވާ ކަމަށާއި، އިތުރު 10 ޕްލޭނެއް، ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅިފައިވާކަން އެ މިނިސްޓްރީގެ މައުލޫމާތުތަކުން އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ސަތޭކައަށް ވުރެ ގިނަ ރަށްރަށުން އެ މަސައްކަތް ނުފެށި ވާކަން އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.
އެ މަސައްކަތް ނުފެށިވާ އެއް ސަބަބަކީ އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ނެތުންކަމަށާއި، ދެވަނަ ސަބަބަކީ އެކަަމަށް ބޭނުންވާ މާލީ އެހީތެރިކަން ނެތުންކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މި ޕްލޭންތައް ނުހެދިހުރި ރަށްތަކުގެ ތެރެއިން 40 ރަށެއްގެ ޕްލޭން އެލްޖީއޭގެ ބަޖެޓް ތެރެއިން ހެދުމަށް މިހާރު ނިންނާފައިވާ ކަމަށާއި، ބާކީ އޮތް 60 ރަށަށް ވެސް ހޯދޭނެ ހައްލު މިހާރު ފެންނާން އެބައޮތް ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެ ހައްލު ފެންނަން އެބަ އޮތް. ޕްލޭނިންގ މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން ކޮންމެ އަތޮޅެއްގައި ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމަށް ޚާއްސަކޮށް މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، މިއަންނަ ޖުލައި މަހު ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން އެބަ ހިންގާ،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ މި ޕްރޮގްރާމް ހިންގާ ނިމުމުން ކޮންމެ އަތޮޅެއްގައި ވެސް ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވެދޭނެ ފަރާތްތައް ތިބޭނެ ކަމަށެވެ.
މި ތަމްރީންތައް ކުރިއަށް ގެންދާނީ ޑްރޯން ޓެކްނޮލޮޖީގެ އެހީގައި މިވަގުތު ދުނިޔޭގައި ލިބެންހުރި އެންމެ މޮޅު ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި މިއީ އެންމެ އަވަސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށް ދެވޭ ތަމްރީން ތަކެއް ކަމަށް ވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!