ވިޔަވަތި ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށާއި މިކޮންފަރެންސް މެދުވެރިކޮން ހައްލު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަމަށާއި އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ވިއަވަތި ކޮންފަރެންސްގެ މައްޗަށް އަލިއަޅުއްވާ ލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ކޮންފަރެންސްގައި ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލްތަކާއި ޑަބްލިޔޫ.ޑީ.ސީ ތަކުންވެސް ކުރިމަތިކުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަލަތަކެއް ކަމަށެވެ.

Ad
rt

އެގޮތުން އެންމެ މުހިންމު ކަމަކަށް ކުރިންވެސް ފާހަގަކުރެވިފައި އޮތްގޮތަށް، މިއަދުވެސް ފާހަގަ ކުރެވިގެން ދިޔައީ، ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މާލީ ފުދުންތެރިކަމުގެ މައްސަލަ ކަމަށާއި، ސަރުކާރުން ދޫކުރާ ގްރާންޓް އެއިޑް ނުވަތަ ދައުލަތުގެ ބަޖެޓުން ދޫކުރާ ބައިގެ ޢަދަދު މަދުކަމުގެ ވާހަކަ އަޑުއެއްސެވި ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކައުންސިލް ތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގައި ކުރިމަތިވެފައި ހުރި ދަތިތަކާއި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރި ގޮންޖެހުންތަކާއި، ޑަބްލިޔޫ.ޑީ.ސީތައް މިހާރު އޮތްގޮތުން ހިންގުމަށް ހުރި ހުރަސްތަކުގެ ވާހަކަތަކާއި މާލީ ބާރުވެރިކަމުގެ މައްސަލަތަކާއި ޖާގައިގެ ދަތިކަމުގެ މައްސަލަތައްވެސް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި، މުޅި ދައުލަތުގެ އާމްދަނީއަށް ވިސްނަންޖެހުނު ނަމަވެސް ފިނޭންސް މިނިސްޓަރ އަމީރު މިކަމާ ދޭތެރޭގައި ވިސްނަވައި، މިކަން ކުރެވޭނެ ގޮތެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސް އެދި ވަޑައިގެންނެވި އެވެ.

މީގެތެރެއިން ޑަބްލިޔޫ.ޑީ.ސީ. އަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ރަނގަޅަށް، ބޮޑުކޮށް، ޙަރަކާތްތެރި ކުރައްވަން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވެވިއެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ތަނުގައި ވިސްނުން ހިންގައި އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަންކަމުގެ ތެރޭގައި ޑްރަގާއި ގޭންގް ބިރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި ގުޅުން ހުރި ބޮޑެތި މައްސަލަ ތަކެއް ވެސް ފާހަގަ ވެގެން ދިޔަ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތައް ކުރިޔަށްދިޔަ މި ކޮންފަރެންސްގައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި ގުޅޭގޮތުންނާއި، ބިނާވެށި ޕްލޭން އެކުލަވާލުމާއި ގުޅޭގޮތުންނާއި، ރަށްރަށުގެ ތަރައްޤީގައި އަންހެނުންގެ ކޮމިޓީގެ ދައުރާއި ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާއި ގުޅޭގޮތުން 4 ސެޝަނެއް ވަނީ ކުރިޔަށްގެންގޮސްފައެވެ.

ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ސިޓީއާ އަތޮޅާއި ރަށްރަށުގެ ތަރައްޤީއާ ގުޅޭ ކަންކަން ނިންމުމުގައި އެ ސިޓީއެއް އަތޮޅެއް ނުވަތަ ރަށެއްގެ ކައުންސިލާ ރައްޔިތުންގެ މަޝްވަރާއާ އެކުގައި އެކަންކަން ނިންމުމަށް ފުރުޞަތު ދެއްވުން ކަމުގައިވާތީ މި ސެޝަންތަކުގައި ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސް ވަޒީރުންނަށް ހުށަހަޅުއްވައި އެކަންކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލުބަދަލުކޮށް މަޝްވަރާކުރައްވާފައެވެ.

ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި، އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި މި ބޭއްވުނު ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ފަންނީ ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.