ބ. ހިތާދޫގައި 28 އަހަރު ވެފައިވާ ބާ އިންޖީނުގެ ނިއްވާލައި، ޒަމާނީ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފިއެވެ.
ހިތާދޫގައި ކުރިން އިންޖީނުގެ ހިންގަމުން އައީ ރަށު ތެރޭގައި ހުންނަ 120 އަކަ މީޓަރުގެ ބިމެއްގައެވެ. އަދި މިއީ އާއްމުންގެ ދިރިއުޅޭ ސަރަހައްދާ ކައިރީގައި ހުންނަ ތަނަކަށްވުމުން ގިނަ ބަޔަކަށް ދަތިތަކާއި ދިމާވެއެވެ.

އިންޖީނުގެތައް މީހުން ދިރިއުޅޭ ހިސާބުތަކާ ދުރަށް ޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން ހިތާދޫ އިންޖީނުގެ ހަދަން ފެށީ ބަނދަރު ސަރަހައްދުގައި 285 އަކަ މީޓަރުގެ ބިމެއްގަ އެވެ. އެތަނުގައި ފެނަކައިން ވަނީ އޮފީސް އިމާރާތަކާއި އިންޖީނުގެ ވަކިން ހަދާފައެވެ.
ހިތާދޫ އާ އިންޖީނުގޭގައި މިވަގުތު 400 ކިލޮވޮޓްގެ ދެ ޖަނަރޭޓަރާއި 160 ކިލޮވޮޓްގެ އެއް ޖަނަރޭޓަރުން ދަނީ ހިދުމަތް ދެމުންނެވެ. އަދި އެ އިންޖީނުގޭގައި 28 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ އިރު، އެތަނުގައި ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމާއި ޗިމްނީ، ވޯކްޝޮޕް، ގުދަން އަދި ޕޭންޓްރީއެއް ހިމެނެއެވެ.
އިންޖީނުގެއާއި އޮފީސް އިމާރާތް ހަދާފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރަން ފަސޭހަވާނެހެންނެވެ.

މިއީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ބަދަލުކުރެވުނު 45 ވަނަ އިންޖީނުގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!