ރަށްރަށުގައި ގިނަ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުގައި ތަރައްޤީގެ އެންމެހައި ކަންކަން ގޮސް ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށެވެ. ފެންވަރު ރަނގަޅު ތަޢުލީމާއި، މަލްޓި-ޕަރޕަސް ހޯލާއި، ސެޓެލައިޓް ސްކޫލާއި، ޓަރޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި، ރަށުގެ ބަނދަރާއި، އަޑީގައި ވަޅުލާ ފެނާއި ނަރުދަމާއާއި، ކަރަންޓް ކޭބަލް ކަމުގައިވިޔަސް، އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއްވެސް އާޚިރުގައި އެ ގުޅެނީ ހަމަ ލާމަރުކަޒީ ނިޒާމާކަމަށެވެ.
"ހިންގޭ މަޝްރޫޢުތަކާއެކު، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ތެރެއިން ރަށްރަށުގައި ވީހާ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި ފަހިވުމަކީ މުހިންމު އަމާޒެއް. ކުދި ވިޔަފާރިތައް ގިނަވެ، ކުރާނެ މަސައްކަތް އުފެދޭނެ މާޙައުލެއް ހޯދުމަކީ ލާމަރުކަޒުވުމުގެ ސަބަބެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށްދާ ހިލޭ ޑިގްރީ ޕްރޮގްރާމާއެކު، އަލަށް އުފެދޭ ވަޒީފާތަކަށް ޤާބިލް ދިވެހިން ހޯދޭނެ ކަމަށެވެ. އަދި ދުރުގައި ހުރި މާމޮޅު އެހެން މީހަކު ގެންނަން ނުޖެހި، ޤާބިލް އެމީހާ ރަށުން ލިބޭނެ ކަމަށެވެ. އާމްދަނީއަށްޓަކައި އެއްދިމާއަކަށް އެންމެން ބަލަން ނުތިބެ، ޢާއިލާއާ ގާތުގައި، އަމިއްލަ ރަށުން ތިމާގެ ފައިތިލައިގެ ދަށުން ހޯދޭ އާމްދަނީގެ އުފަލާއި ނަފާ މާބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދަތުރުފަތުރުގެ އަވަސް ޚިދުމަތުގެ ސަބަބުން ކޮންމެ ރަށަކީވެސް އަމިއްލަ ރަށްކަމުގެ އިޙްސާސް މަޑުމަޑުން އަންނަން ފަށާނެ. މި ދެންނެވި ބަދަލުން ހަކަތަ ލިބިގެން އުފެދޭނީ، އެތެރޭގެ އިޤްތިޞާދީ އިތުރު ޙަރަކާތް. އިއްޔެގެ އުކުޅަހާއި މިއަދުގެ އުކުޅަހުން ފެންނަނީ މާދަމާގެ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި އުކުޅަސް. އުކުޅަހަށް މި ދެންނެވި ރަނގަޅު ހޯދޭނަމަ، އޭގެ މާނަ ފުން. މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއްމެ، އެ އަންނަނީ ލާމަރުކަޒީ، ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުންކަން." ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!