ވެމްކޯއިން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތަށް 42 މިލިއަން ރުފިޔާ އަށްވިރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެ އަދަދަކީ ވެމްކޯގެ ތާރީޚުގައި ނުލިބިހުރި ފައިސާކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭނީ ގާނޫނީ ފިޔަވަޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނަަ ވިދާޅުވީ ނުދައްކާ ހުރި ބިލްތައް ސަސްޕެންޑް ކޮށް ރަނގަޅު ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޑޭޓާ އެއްކުރެވުމުން އަދަދު ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށަވެސް އޭނާ ވިދާޅުވިއެވެ.
“މިކަން ފެށިގެން އައި އިރު ރެޖިސްޓްރޭޝަންގެ ކަންކަން ވެސް ދިޔައީ އެންމެ ރަނގަޅަކަސް ނޫން. ރެކޯޑްސް އިން އެބަ ދައްކާ އެކަންކަން. މެނޭޖްމަންޓުންވެސް އެކަން ގަބޫލުކުރޭ" ސިރާޖް ވިދާޅުވިއެވެ
ސިރާޖު ވިދާޅުވީ ބިލް ދެއްކުމަށް ގިނަ ބަޔަކު މިހާރު އަހަންމިއްޔަތުކަން ދޭ ކަމަށެވެ. އެގޮތުން، 80- 90 އިންސައްތައާ ދެމެދު ކަސްޓަމަރުން ބިލް ދެއްކުމަށް މިހާރު އަހަންމިއްޔަތުކަން ދޭކަން ފާހަގަކުރެވޭ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!