ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ނުކުރެވޭނެ ކަމަށް ޤުދުސް ޑިސްޓްރިކްޓް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.
ޔަހޫދީންނަށް މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރެވޭގޮތަށް ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކުރިން ކޮށްފައިވާ ޙުކުމު ބާޠިލު ކުރައްވައި ޤުދުސް ޑިސްޓްރިކްޓް ކޯޓުން އިއްވެވި ޙުކުމުގައި ޑިސްޓުރިކްޓު ކޯޓުން ވިދާޅުވެފައިވަނީ މަސްޖިދުލް އަޤްޞާ ހުންނަ ބިމަކީ ޔަހޫދީންނަށް ޚާއްޞަ ބިމެއްކަމަށް އިންކާރު ކުރެވެން ނެތްކަމަށެވެ.
އެހެންނަމަވެސް އިސްކަންދޭން ޖެހޭނީ ޢާއްމު މަސްލަހަތަށް ކަމަށާއި އެހެންކަމުން މަސްޖިދުލް އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަން ނުކުރެވޭނެ ކަމަށެވެ.
މި ޙުކުމުގައި އިތުރަށް ވިދާޅުވެފައިވަނީ ޔަހޫދީންނަށް އަޤްޞާ ހުންނަ ބިމަށް ޒިޔާރާތްކުރުމަށް ހުރަހެއް ނެތް ނަމަވެސް އެ ބިމުގައި އެއްވެސް އަޅުކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅުއްވާ ކަމަށެވެ.
މި ހުކުމަކީ މަސްޖިދުލް އަޤްޞާގައި އަޅުކަންކުރި ޔަހޫދީންގެ ތިން ޒުވާނަކަށް އިސްރާއީލުގެ ފުލުހުން ފިޔަވަޅުއެޅި މައްސަލާގައި ޤުދުސްގެ މެޖިސްޓުރޭޓު ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް އިސްތިއުނާފު ކުރުމުން ޤުދުސް ޑިސްޓްރިކްޓް ކޯޓުން ނެރުނު ޙުކުމެކެވެ.
ޤުދުސް މެޖިސްޓްރޭޓް ކޯޓުން ކުރިން ކޮށްފައިވާ ޙުކުމުގައި ބުނެފައިވަނީ ޔަހޫދީން މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރުމަކީ މަނާކަމެއްނޫން ކަމަށާއި އެއީ މުޖުތަމަޢުގެ ޞުލްޙައަށް ވެސް އެއްވެސް ހުރަހެއް އެޅޭކަމެއް ނޫންކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ މި ޙުކުމާ ދެކޮޅަށް އިސްރާއީލުން އިސްތިޢުމާރު ކޮށްފައިވާ ޤުދުސްގައި ބޮޑެތި އެއްވުންތަކެއް ބާއްވައި ނުރައްކާތެރި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ.
1967 ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި އިސްރާއީލުންވަނީ އަލްއަޤްޞާ ހުންނަ އިރުމަތީ ޤުދުސް އިސްތިޢުމާރުކޮށްފައެވެ. ނަމަވެސް އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރުން މަނާކުރުމަށް އިސްރާއީލުންވަނީ މުސްލިމުންނާ އެއްބަސްވެފައެވެ. އަދި އަލްއަޤްޞާގެ ބެލެނިވެރި ފަރާތަކީ އުރުދުން ކަމަށްވެސް އޭރުވަނީ ހަމަޖައްސައިފައެވެ. އެހެންނަމަވެސް ޔަހޫދީންނަކީ އެއްވެސް އިރެއްގައި އަޙުދަށް ވަފާތެރިވާ ބައެއް ނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!