ހައްޔަރު ކޮށްގެން ހައި ކޯޓަށް ގެންނަން އެންގި މީހަކު ހައްޔަރު ނުކުރެވި ހުއްޓާ އެ މީހާ އަމިއްލައަށް ކޯޓަށް އައުމުން އެ މައުލޫމާތު ލީކުވި ގޮތާ މެދު ހައި ކޯޓުން މިއަދު ސުވާލު އުފައްދައިފި އެވެ.
ޑްރަގް މައްސަލައެއްގައި ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރި މައްސަލާގައި އެ މީހާ ހާޒިރު ނުވުމުން ހައި ކޯޓުން ފުލުހުންނަށް އަމުރުކުރީ އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ގެނައުމަށެވެ. ފުލުހުން އޭނާ ހައްޔަރު ނުކޮށް ހުއްޓާ އޭނާ ހައި ކޯޓަށް މިއަދު ހާޒިރުވީ އަމިއްލައަށެވެ.
ފުލުހުންގެ މައްޗަށް ނެރުނު އަމުރެއްގެ މައުލޫމާތު އެ މީހާއަށް އެނގުނީ ކިހިނެތްތޯ މިއަދުގެ އަޑުއެހުމުގައި ހައި ކޯޓުގެ ފަނޑިޔާރުން ފުލުހުންނާ ސުވާލު ކުރެއްވި އެވެ.
"ފުލުހުންނަށް ފޮނުވި އަމުރެއް އެއީ. ފުލުހުން ހޯދަން އުޅޭކަން އެ ފަރާތަށް އެނގުނު ގޮތަކީ ކޮބައިތޯ؟"
ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އޭނާ ދީފައި އޮތް އެޑްރެހަށް ގޮސް ބެލިއިރު އޭނާ ނޫޅޭ ކަމަށެވެ. އެކަމަކު ހައްޔަރު އަމުރެއް ނެރެފައި އޮތްކަން އެ މީހާއަށް އެނގުނު ގޮތެއް ފުލުހުންނަށް ބުނެ ނުދެވުނެވެ.
އެކަމާ ގުޅޭގޮތުން ޢޭމީހާއާ ސުވާލު ކުރުމުން އޭނާ ބުނީ އޭނާ މިހާރު އުޅެނީ އެހެން އެޑްރެހެއްގައި ކަމަށެވެ. އަދި ހައި ކޯޓަށް މިއަދު ހާޒިރުވީ ފުލުހުން އޭނާ ހޯދާކަން އާއިލާގެ ފަރާތުން އެނގުމުން ކަމަށެވެ.
ފަނޑިޔާރުން ވިދާޅުވީ ފުލުހުންނަށް ފޮނުވި ހައްޔަރު އަމުރުގެ މައުލޫމާތު ކޮންމެވެސް ގޮތަކަށް އެ މީހާއަށް ލިބިފައިވާ ކަމަށެވެ.
"ހާޒިރުވީ ވެސް އަޅުގަނޑުމެން ކޯޓު އަމުރެއް ނެރުނުކަން ކޮންމެވެސް ގޮތަކުން އެނގިގެން."
ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރުން ނިންމީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން އެ މީހާ ބަންދުގައި ބެެހެއްޓުމަށެވެ. އެއީ އަނެއްކާވެސް ކޯޓަށް ފިލާފާނެތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!