މިއަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފޯރި ރާއްޖޭގައި ގަދަކުރުމަށް އުރީދޫ މޯލްޑިވްސް އިން 'އުރީދޫ ވޯލްޑް ކަޕް ފޯރި'ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމާދީއެވެ.

Ad
rt

މި ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގެ އެމާ ސްޓޭޑިއަމްގައި އުރީދޫ އާއި ހާޑްރޮކް އެފްސީ ފުޓްސަލް ޓީމުން ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗެއް ވަނީ ކުޅެފައެވެ. މި މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހާޑްރޮކްގެ ޓީމުންނެވެ.

އުރީދޫގެ ސީއީއޯ އަލް ހަމާދީ ވިދާޅުވީ މި ފުޓްބޯޅަ ސީޒަނުގައި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ރޭވިފައިވާކަމަށެވެ. އަދި އަމާޒަކީ ވޯލްޑް ކަޕްގެ ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. .

ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑުލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކީ އުރީދޫއެވެ. އެހެންވެ ދިވެހިންނަށްވެސް މި ފޯރީގައި ބައިވެރިވާން ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕް 2022 ކުރިއަށްދާނީ 21 ނޮވެމްބަރު އިން 18 ޑިސެމްބަރުގެ ނިޔަލަށް، ގަތަރުގައެވެ.