ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގިއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ހޫނު ސުވާލުތައް ފުލުހުންނަށް މިއަދު އަމާޒުވެއްޖެ އެވެ.
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ކޯޓު އަމުރެއްގެ ދަށުން ނެގި މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މީހަކު ބެނާއެއް ދެމުމަކީ ކުށަކަށް ވާ ގޮތެއް ބުނެދޭން ފުލުހުންނާ ސުވާލުކޮށްފަ އެވެ.
ފުލުހުން ބުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ. ދައުލަތުން ވެސް އެއަށް ޖަވާބެއް ނުދިނެވެ.
އާންމު މަސްލަހަތަށް ގެއްލުންވާ ކަމަށް ބުނެ އެ ބެނާ އަތުލިއިރު އެކަމުގެ ޝަކުވާއަކީ ކާކުގެ ފަރާތުންތޯ ސުވާލު ކުރުމުން ފުލުހުން ބުނީ އަމިއްލަ އިސް ނެގުމުގައި މައްސަލަ ބަލަނީ ކަމަށެވެ. އެކަމަކު އެފަދަ ޝަކުވާ އަންނަން ޖެހެނީ އާންމުންގެ ފަރާތުން ކަމަށް ފުލުހުން ގަބޫލުކުރި އެވެ.
އަމުރު ހޯދަން އެދުނީ ކޮން ހެއްކަކަށް ބިނާކޮށްތޯ ވެސް ބެންޗުން އެއްސެވި އެވެ. ފުލުހުން ބުނީ ބެނާ ނަގަން ޔާމީނަށް އެންގެވި އެންގުން ހެކީގެ ގޮތުގައި ހުށަހެޅި ކަމަށެވެ.
އެކަމަކު ހެއްކެއްގެ ގޮތުގައި ކޯޓު އަމުރުގެ ދަށުން ފުލުހުން އަތުލީ ބެނާ އެވެ. ބެނާއަކީ ހެއްކެއް ކަމަށް ވާ ނަމަ، ބެނާ އަމިއްލައަށް ނަގަން ޔާމީނަށް ކުރިން އެންގެވީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އެއީ ތަހުގީގުގެ ކުރީ މަރުހަލާ ކަމަށާއި އިތުރު ހެކި ފަހުން ލިބޭނެ ކަމަށް ލިބޭނެ ކަމަށެވެ.
ބެނާހުރީ ގާނޫނީ ގޮތުން ބަލާއިރު ޔާމީންގެ ގެކޮޅުގައިތޯ ވެސް ފުލުހުންނާ ސުވާލުކުރި އެވެ. ފުލުހުން ބުނީ އެއީ ޔާމީންގެ ގެކޮޅުގެ ބައެއް ކަމަށެވެ. ބެނާ ހުރީ ޔާމީންގެ ގެކޮޅުގައި ހަދަމުންދާ ބައިގަ އެވެ.
ބެނާ ނެގުން ފިޔަވައި ތަހުގީގުގައި ސުވާލުކުރުން ފަދަ ކަމެއް ކުރިތޯ ބެންޗުން ސުވާލު ކުރެއްވުމުން ފުލުހުން ބުނީ އެފަދަ ކަމެއް ނުކުރާ ކަމަށެވެ.
އެހެންވުމުން ބަލައި ފާސްކުރާ ސަބަބެއް އެ މީހަކަށް އެނގެނީ ކިހިނެތްތޯ އެއްސެވުމުން ފުލުހުން ބުނީ ކޯޓު އަމުރުގެ ކޮޕީއެއް ދީފައިވާނެ ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ނިންމާލައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!