ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީސްކަމުގައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރ ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ މިއަދު ފޭސްބުކްގައި ލިއުއްވިދިގު ޕޯސްޓެއްގައެވެ. މިޕޯށްޓުގައި އެމްޑީއެން މައްސަލައާއި ގުޅޭގޮތުން އަލިއަޅުއްވާލައްވަމުން ވިދާޅުވެފައިވަނީ އެމްޑީއެންގެ ރިޕޯޓް މައްސަލައިގައި ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުންކަމަށާއި ޝަޙީމް އެދުނީ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށެވެ. އަދި އެއްވެސް ފަރާތަކުން މީހުންނަށް ބިރު ދައްކައި ގޯނާކޮށް އިންޒާރު ދިނުމަކީ ތާއިދު ކުރާ ކަމެއްނޫން ކަމުގައި ވެސް ބުނެފައިވާނެކަމަށާއި އިސްލާމީ ޢަޤީދާއާއި ރާސޫލާގެ ޠާހިރު ޝަރަފްވެރި ޝަޚުޞިއްޔަތަށް ބަދު ބަހެއް ބުނުމަކީ ޤާނޫނީ އިމުގެ ތެރެއިން އެކަމެއް ހުއްޓުވަންޖެހޭ ކަމެއްކަމުގައި ބުނެފައިވެއެވެ.
މިކަމުގައި އަޅުގަނޑު މި ބުނާ ބަސް ހުއްޓުވޭނެ އެއްވެސް އާދަމުގެ ދަރިއެއް މި އުޑު ދަށުގައި ނުހުންނާނެއެވެ. ޞަލަވާތާއި ސަލާމްލެއްވި ކީރިތި މާތް ރަސޫލާގެ މަތިވެރި ޝަޚުޞިއްޔަތަކީ އަޅުގަނޑުމެންގެ ލޮލުގެ ނޫރަށް ވުރެ އަޅުގަނޑުމެންގެ ގާތުގައި އަގުހުރި ޝަޚުޞިއްޔަތެކެވެ. ދިވެހިރާއްޖޭގައި ޒައްރެއްގެ މިންވަރުގެ ބާރެއް އަޅުގަނޑު އަތުގައި އޮތް ނަމަވެސް އެކަލޭގެފާނުގެ ދިފާޢުގައި އެކަލޭގެފާނުގެ ނަންފުޅުގެ މަތިވެރިކަމަށްޓަކައި އަޅުގަނޑަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އިރު އަރައި އޮއްސުމުގެ ކުރިން ހެޔޮގޮތުގައި އެޅީމުހެވެ. އެކަލޭގެފާނުގެ ދިފާޢުގައި ފިޔަވަޅު އެޅެން ނުކުޅެދޭ މަޤާމެއްގައިވެސް ހިދުކޮޅަކު ވެސް ނުހުންނާނަމެވެ.
ޝަހީމްގެ ޕޯސްޓުގައި އިތުރަށް ލިއުއްވާފައިވެއެވެ.
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައި ދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް އަލީ އާޒިމް މަޖިލިސްއަށް ހުށައަޅުއްވާފައިވާތީ އެކަމަށް އަލިއަޅުއްވާލައްވަމުން ބުނެފައިވަނީ "އަޅުގަނޑު ރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ ވަހަކައެއް ނުދައްކަމެވެ. އަމިއްލަ ހައިސިއްޔަތުން ވަކި ކަމެއްގައި ޕްރޮފެޝަނަލް ނުވަތަ ޢިލްމީ ޚިޔާލެއް ދިނުމަކީ މަޤާމުގެ ހައިސިއްޔަތު މަނާކުރާ ކަމެއްނޫނެވެ. އަޅުގަނޑު މިހާތަނަށް ރާއްޖޭގައި ހިނގި ކަންކަމުގެ ތެރެއިން ޕްރޮފެޝަނަލް ގޮތެއްގައި ވާހަކަ ދައްކާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި އެމްއެންޔޫއާ އެއްކޮށްލުމަށް ދެކެވުނު ވާހަކައިގައި އެއްކޮށްނުލުމަށާއި، ޓެރަރިޒަމްގެ ޤާނޫނުގެ މައްސައާއި، މީގެ އިތުރުން އެމްޑީއެންގެ މައްސަލައެވެ.
އަޅުގަނޑަކީ ރާއްޖޭގެ ކުރީގެ ތިން ސަރުކާރުގައި އިސްލާމީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރކަމާއި މިނިސްޓަރކަން ކޮށްފައިވާ މީހެއްކަމުން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ވައިސްޗާންސެލަރ އަދި ޗާންސެލަރގެ މަޤާމު ވެސް ފުރާފައިވާ މީހެއްގެ ހައިޘިއްޔަތުން، ރާއްޖޭގެ އިސްލާމީ އެކި އެކި ކަންކަމުގައި ޕްރޮފެޝަނަލް ގޮތެއްގައި ނުވަތަ ޢިލްމީ ގޮތެއްގައި ޚިޔާލު ދިނުމަކީ ކުރެވޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި ދުވަހަކު ވެސް ސަރުކާރަށް ހުތުރު ބަހެއް އަޅުގަނޑު ބުނެފައި ނުވާނެއެވެ. ރައީސަށް ވެސް ނައިބް ރައީސަށް ވެސް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ބަދު ބަހެއް، ސިޔާސީ ގޮތުން ދެކޮޅުވެރި ބަހެއް ބުނެފައި ނުވާނެއެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!