މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ އިތުބާރުނެތްކަމަށް މިރޭ ނެގިވޯޓުން އޭނާއަށް ކައުންސިލްގެ އަޣުލަބިއްޔަތު މެންބަރުންގެ ތާއީދު ނެތްކަން އިނގިގެން ދިޔަނަމަވެސް، އޭނާގެ އިތުބާރުނެތްކަމަށް ފާހެއް ނުވިއެވެ.

ޝަހުބާންގެ އިތުބާރުނެތްކަމުގެ މައްސަލާގައި ގޮތެއް ނިންމަން ވޯޓު ނަގާފައިވަނީ މިރޭ 21:30 ގައި ފެށި އެމްއެމްސީގެ ކުއްލި ޖަލްސާގައެވެ.

Ad
rt

އެމްއެމްސީގެ މެންބަރުންގެ އަދަދަކީ 15 އެވެ. މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ 12 މެންބަރުންނެވެ. އޭގެތެރެއިން ޝަހުބާން ރައީސް ކަމަށް ހުންނެވުމަށް ފެންނަކަމަށް 4 މެންބަރަކު ވޯޓު ދެއްވިއެވެ. އޭނާ މަގާމުން ވަކިކުރަން ވޯޓުދެއްވީ 8 މެންބަރެކެވެ. އިތުބާރުނެތްކަމަށް ފާސްކުރަން 10 ވޯޓު ބޭނުންވެއެވެ.

ޝަހުބާންގެ އިތުބާރުނެތްކަމުގެ މައްސަލައެއްގައި ވޯޓު ނަގާފައި މިވަނީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ބޮޑު ތުހުމަތެއް ކުރެވިފައިވާއިރު، މީޑިއާގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި ވެސް އޭނާ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ބައެއް ނޫސްތަކުން ބުނެފައި ވަނިކޮށެވެ.

ޝަހުބާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ކުރަނީ، އޭނާގެ ބޭބެ އަލްހާން ފަހްމީއާއެކު ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތާ ގުޅިގެންނެވެ. އެކަމާގުޅިގެން ޝަހުބާން ކުރިން މީޑިއާއަށް ވިދާޅުވެފައި ވަނީ މަނީ ލޯންޑާ ނުކުރަށްވާ ކަމަށާއި، ކުރެއްވީ ޓްރޭޑް ކަމަށެވެ.

މި މައްސަލާގައި ޝަހުބާން ވަނީ މިދިޔަ ބުދަ ދުވަހު ފުލުހުންގެ އިދާރާއަށް ވެސް ހާޒިރުކޮށްފައެވެ. ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުވާން އަންގާފައިވާ ޗިޓްގައިވާ ގޮތުން އޭނާ ހާޒިރު ކުރީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ސަންގުޓީވީގެ ނިއުސް ހެޑްގެ މަގާމުގައި ހުންނެވި ޝަހުބާން މީޑިއާ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ޝަހުބާންއަކީ ސަން އޮންލައިންގެ އިތުރުން ރާއްޖެޓީވީގައި ވެސް މަސައްކަތް ކުރި ނޫސްވެރިއެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާއިން އިންތިހާބުކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ. އެ މެމްބަރުން އިންތިހާބު ކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.