މަންކީޕޮކްސްގެ ބިރުވެރިކަން ރާއްޖެއަށްވެސް އެބަ އޮތް ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުޞަތު ކުޑަ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް ވައިރަހާއި ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ވެސް އަދި އަވަށްޓެރި އެއްވެސް ގައުމަކުން ވެސް މަންކީޕޮކްސް ވައިރަސް ނުވަތަ މި ބަލީގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ބައްޔަކީ ބަލިޖެހިފައިވާ މީހާއާއެކު ގިނައިރު ކޮންޓެކްޓު ވުމުން ފެތުރޭ ބައްޔަކަށް ވާއިރު، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، މާ ބޮޑަށް ވަރުބަލިވުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ފަދަ ކަންކަން ހިމެނެއެވެ. އަދި މި އަލާމާތްތަކަށް ފަހު އެއް ދުވަހާއި ހަތަރު ދުވަހާއި ދެމެދު ހަށިގަނޑު ބިހިތަކެއް ނަގާކަމަށާއި، މި ބިހިތައް ފުރަތަމަ ނަގާއިރު ފަތިކޮށް ހުއްޓަސް ފަހުން ފެންފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައި ފޮޅުތައް ފަޅައިގެންގޮސް ފަހުން ކުރަލާ ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައެވެ.
އެޗްޕީއޭއިން ވިދާޅުވީ ކުރައިގެ ދަށުން އާ ހަންގަނޑެއް އުފެދި ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށާއި، މި ބަލި ޖެހުމުން ނަގާ ބިހިތަކަކީ ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތް ބިހިތަކަކަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް މި ބައްޔަށް ސީދާ ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވިނަމަވެސް ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއިން ބަލިން ރަނގަޅުވާ ކަމަށް ވެސް އެޗްޕީއޭ އިން ހާމަކުރައްވައެވެ.
އެޗްޕީއޭއިން ވިދާޅުވީ މަންކީޕޮލްސްގެ ކޭސްތައް ފެނިފައިވާ ގައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އެ އައުޓްބްރޭކް ފެތުރެންފެށި ގޮތާއި ބަލި ފަތުރާ ވައިރަހަށް އަދި ބަލި ޖެހޭ ގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދިރާސާ ކުރަމުންދާ ކަމަށެވެ.
މަންކީޕޮކްސް ވައިރަސް ފެތުރެމުންދާކަމަށް އެންމެ ފުރަތަމަ ރިޕޯޓްކުރީ އިނގިރޭސި ވިލާތުންނެވެ. އެހެން ނަމަވެސް އިއްޔެއާ ހަމައަށް ބާރަ ޤައުމަކުން 92 ކޭސް ފެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔު އެޗްއޯއިން ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!