ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ 5 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، ޖުލައި މަހުގެ 02 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކޮމަންޑޫން އިންތިހާބުކުރަން ހުޅުވާލާފައިވަނީ 2 މެންބަރުންނެވެ. ބާކީ ތިބި ރަށްތަކަށް ހުޅުވާލާފައިވަނީ 1 މެންބަރަކު އިންތިހާބުކުރުމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، ހުޅުވާލާފައިވަނީ މިމަހުގެ 18 ވާ ބުދަ ދުވަހުގެ 09:00 ން ފެށިގެން، އަންނަ މަހުގެ 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ޝަރުޠުތައް
- ދިވެހި ރައްޔިތަކަށްވުން.
- ކުރިމަތިލާ ރަށަށް ނުވަތަ ސިޓީއަށް ނިސްބަތްވާ އަންހެނަކު ކަމުގައިވުން.
- ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
- ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު 5 (ފަހެއް) އަހަރު ފާއިތުވެފައިވުން.
- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވުން.
- ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުން.
- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައި ވުން.
- އެއްވެސް ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
- މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 7 (ހަތެއް) އަހަރު ފާއިތުވެފައިވުން.
- (10) ވަނަ ނަންބަރާއި (11) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކޮށްދެވުނުތާ 3 (ތިނެއް) އަހަރު ފާއިތުވެފައިވުން.
މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތުލިމަށް އެދޭ ފޯމު މެއިލްކުރާނީ އެ ކޮމިޝަނުގެ candidacy@elections.gov.mv މެއިލަށެވެ.
ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، ޖުލައި 02 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2022 ޖުލައި 04 ވާ ހޯމަ ދުވަހުގައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!