އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންކަމަށެވެ.

Ad
rt

ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

މިމައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ބުނެއެވެ.

މަޢުލޫމާތުލިބިފައިވާ ގޮތުގައި މިއީ މާލޭގެ ފާރުތަކާއި މަގުތަކަށް "އިންޑިއާ އައުޓް" ސްޕްރޭކުރާ މައްސަލައާއި ގުޅުން ހުރި މައްސަލައެކެވެ. އޭނާ ހޯދީ "އިންޑިއާ އައުޓް" ހަރަކާތަކާއި ގުޅިގެން ކަމެއް ނުވަތަ އެހެން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހު ވަނީ ކަނޑައަޅައިފަ އެވެ.

އިދިކޮޅު ޕީޕީއެމުން ބުނީ މި ހަރަކާތް ހުއްޓުމެއް ނެތި ދާނީ ކުރިއަށް ކަމަށާއި އެގޮތުން މާލޭގެ އެކި ސަރަހައްދު ތަކުގައި "އިންޑިއާ އައުޓް" ޝިއާރު އަންނާނީ އިތުރުވަމުން ކަމަށެވެ. އަދި ބުނީ އިންޑިއާ ސިފައިންނަކީ ރާއްޖޭގެ ފަސްގަނޑުން ބާލަންޖެހޭ ބައެއް ކަމަށެވެ.

"އިންޑިއާ އައުޓް" ރަމްޒުކޮށްދޭ ގޮތަށް އަކުރު ބަދަލުކޮށްގެން ހ. ސިލްވާ ވޭވްގައި ވެސް ބެނާއެއް ދެމިއެވެ. އެ ބެނާގައި ލިޔެފައި ވަނީ ހަމަ "IN DEAR OUT" މި ފަދައިންނެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ ކެންޕެއިންގެ ދަށުން ހެންވޭރުގައި ރައީސް ޔާމީން ދިރިއުޅުއްވައި ގެކޮޅު ކަމުގައިވާ ހ. ދޫވެއްސާއި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަ ގޭގެ ބޭރުގައި "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް ވެސް ފުލުހުން ވަނީ ނަގާފައެވެ.