ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަށް މިވީ ބަރާބަރު އަހަރު ދުވަހެވެ.

ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށް ޝާމިލުވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމަކީ، އެދުވަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

Ad
rt

އެެދުވަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދިޔަ ދުވަހެއްކެވެ. ސަބަބަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށްވާތީ އާއި ވަރަށް ގިނަ ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާތީ އެވެ.

ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަހެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެބޭފުޅުންގެ މަޤާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި އެވެ.

މި ދެންނެވި ހުރިހާ ކަމަކުންވެސް ދޭހަވަނީ، ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރެވެ.

ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދޭނެކަމުގެ ފޮނި އުންމީދެއް އެދުވަހު އާވެގެން ދިޔަ އެވެ.

މީގެ ކުރިން އިންތިޚާބުކުރި ކައުންސިލްތަކާއި، މިފަހުން އިންތިޚާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އަނެއް ތަފާތަކީ، ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރި މީހުންގެ، ތިންބައިކުޅަ އެއްބަޔަކީ، އަންހެން ބޭފުޅުން ކަމަށްވުމެވެ. އެހެންކަމުން، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައިވެސް، މި ކައުންސިލަރުން ގެ އަތުގައި ވަރަށް މުހިންމު ދައުރެއް ވެެެއެވެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެކަން ޔަޤީނެވެ. މި ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދިޔަ އެވެ. އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން ކުރިއަށްވުރެއް ބޮޑުވެގެންދިޔަ އެވެ.

ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، މުޅިން އައު ޞަފްޙާއެއް ލިޔަން ފެށުނެނެވެ. މި ޞަފްޙާގެ ދެލިގަނޑު ފޭދުނަ ނުދީ، ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ، މިހާރު ކައުންސިލްތަކާއި ހަވާލުވެތިބި ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ނޫންތޯއެވެ.

މީގެ ކުރިން މަރުކަޒީ ސަރުކާރުގައި ހުރި، އިދާރީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް، މިހާރު އެހުރީ ކައުންސިލްތަކާ ޙަވާލުކުރެވިފައެވެ. ކައުންސިލަރުންނަށާއި ކައުންސިލްތަކަށްވެސް ޤާނޫނީ ބާރު ދީ، ރަށްރަށުގެ އިޚްތިޞާޞް މިހާރު އެހުރީ ކަނޑައަޅައި ދީފަ އެވެ.

“ތިޔަބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ޙަވާލުވެވަޑައިގަންނަވަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ޤައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ، ތިޔަބޭފުޅުންނާ ޙަވާލުކުރެވޭ، ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ، ތިޔަބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު.“

ކައުންސިލަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރުވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވެއެވެ. ރާއްޖޭގެ ރަށްތަކުގެ އިޚްތިޞޯޞް ކަނޑައެޅި، އެ ރަށްތަކުގެ އިންތިޒާމްތަކާއި، ބޭނުންތަކާއި، ނިންމުންތައް ނިންމުމުގެ ބާރު އެރަށެއްގެ ކައުންސިލްތަކާއި، ރައްޔިތުންނަށް ޤާނޫނުން ލިއްބައިދީފި އެވެ. ލާމަރުކަޒީ ޤާނޫނަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ނިންމުންތައް ތަންފީޛުކުރުމުގެ އިޚްތިޔާރު އަދި، އަމިއްލަ ބަޖެޓާއި، މާލީ މުޢާމަލާތުން އާމްދަނީ އުފެއްދޭނެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވިފައިވެއެވެ.

މީގެ އިތުރުން ކައުންސިލްތަކުން ބޭނުންވިފަދަ ބޮޑު އުޖޫރައެއް ދިނުމަށް ކައުންސިލަރުންގެ މުސާރަވެސް ވަނީ ބޮޑުތަނުން ބޮޑުކުރެވިފަ އެވެ.

ބޮޑުކުރި މުސާރަތައް

  • މޭޔަރަކަށް - 40،000 ރުފިޔާ
  • ޑެޕިއުޓީ މޭޔަރަކަށް - 35،000 ރުފިޔާ
  • ސިޓީ ކައުންސިލް މެމްބަރަކަށް - 30،000 ރުފިޔާ
  • އަތޮޅު ކައުންސިލް ރައީސަކަށް - 28،000 ރުފިޔާ
  • އަތޮޅު ކައުންސިލް ނައިބު ރައީސް - 21،000 ރުފިޔާ
  • ރަށު ކައުންސިލް ރައީސަކަށް - 20،000 ރުފިޔާ
  • ރަށު ކައުންސިލްގެ ނައިބް ރައީސަކަށް - 15،000 ރުފިޔާ
  • ރަށު ކައުންސިލްގެ މެމްބަރަކަށް - 13،000 ރުފިޔާ

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 6000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 5000 ރުފިޔާ އަދި މެންބަރަކަށް 4000 ރުފިޔާ ލިބޭނެއެވެ. ސިޓީކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއަކަށް ޖުމްލަ 7000 ރުފިޔާ ލިބޭނެއެވެ. ނައިބު ރައީސްއަކަށް 6000 ރުފިޔާ އަދި މެންބަރަކަށް 5000 ރުފިޔާ ލިބޭނެއެވެ. މުސާރައިގެ ޖުމްލަ ހިމަނާފައިވަނީ ސިޓިންްގ އެލަވަންސް ގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރޭޓުންނެވެ. ސިޓިން އެލަވަންސް ގެ ގޮތުގައި ގިނަވެގެން ނެގޭނީ 2000 ރުފިޔާއެވެ.

މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުންވެސް ވަނީ އައްޔަންކޮށްފަ އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރަން ކޮންމެ ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްއެއްވެސް އައްޔަން ކުރެވިއްޖެއެވެ.

މަރުކަޒީ ސަރުކާރު ނުވަތަ މާލެ އަށް ޖަމާކޮށްފައި އޮތް ބާރުތައް އަތޮޅުތަކަށް ދޫކޮށްލަން ލާމަރުކަޒީ ގާނޫނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި އާބާދީ 3،000 އަށް ވުރެން މަތި ނަމަ ފަސް ކައުންސިލަރުން އަދި އެއަށް ވުރެން މަތީގެ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވާނެ އެވެ. މިދައުރު ޖުމްލަ 980 ކައުންސިލަރުން އިންތިޚާބު ކުރި އެވެ.

ރައްޔިތުންގެ މަޝްވަރާއާ އެއްގޮތަށް ޤާނޫނު އިޞްލާޙުކޮށް، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައީ، ރައްޔިތުންގެ ވިންދު ހުރީ، އެ ބަދަލުތަކާއިގެން ކުރިއަށް ދިޔުމަށް ކަމަށްވާތީއެވެ. ލާމަރުކަޒީ ނިޒާމަށް ގެނައި މުހިންމު ބަދަލުތަކާއެކު، ރަށްރަށަށް ހަލުވި ތަރައްޤީއެއް އަންނާނެ ކަމަށް އަޅުގަނޑުމެން އެންމެން އުންމީދު ކުރީމެވެ. ކައުންސިލްތަކުގެ ހިންގުމާއި ހަރަކާތްތަކަށް ބަލާއިރު ހިތާމައާއިއެކު ދަންނަވަން ޖެހެނީ މިބަދަލު ފެންނަމުންދަނީ މަދު ކައުންސިލްތަކަކުންކަމުގަ އެވެ.

ސުވާލަކީ އެދުވަހު ރައްޔިތުން ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަމުން އަންނަނީ ކިތައް ކައުންސިލުން ތޯއެވެ. ކުރިން އޮތް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އަޅާ ބަލާއިރު މިހާރު އޮތް ކައުންސިލްތަކުގެ ދުވެލި ކިހިނެތްތޯއެވެ. ކައުސިލްތަކަށް އިންތިހާބުވީއިރު ވީ ވަޢުދުތައްމަތިން ހަނދާން ހުރީ ކިތައް ކައުންސިލަރުން ތޯއެވެ. އޭރު ދެއްކި ނަނާ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރެވޭތޯ އެވެ. ކަންކަން ނުވާން މިހާރު އޮތް ބަހަނާ އަކީ ކޮބާތޯއެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގައި ކައުންސިލްތަކުގެ ދަޢުރު އެދެވޭ ގޮތެއްގައި އަދާކުރާކަމަށް ގަބޫލު ކުރެވޭ ތޯއެވެ. ކުރިން 3 އަހަރުގެ ދަޢުރަށް އިންތިހާބު ކުރަމުންއައި ކައުންސިލްތައް މިހާރު އިންތިހާބު ކުރެވިފައިވަނީ 5 އަހަރަށެވެ. ބާކީ އޮތް 4 އަހަރުގައި ކައުންސިލްތަކުން ނަމޫނާ ދައްކަން ޖެހެއެވެ. ބާރުތަކާއި ބަދަލުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެއެވެ. ރައްޔިތުންނަށް ތަފާތު ދައްކަން ޖެހެއެވެ.