މަސްތުވާތަކެއްޗާދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ރ. ހުޅުދުއްފާރުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުދުއްފާރު ބަނދަރު ސަރަހައްދުންނެވެ.

Ad
rt

ހުޅުދުއްފާރުކައިރީ އޮތް ރަށަކުން ފުރައިގެން ހުޅުދުއްފާރަށް އައި ލޯންޗަކުން ހުޅުދުއްފާރު ބަނދަރަށް މި ދެމީހުން ފޭބުމުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ އުނގޫފާރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.