މީގެ 14 އަހަރު ކުރިން ހދ. ވައިކަރަދޫގައި ފޯރިއާއި އެކު ބާއްވަމުން އައި "ވިޒިޓް ވައިކަރަދޫ" ބޮޑު ޢީދު ދަތުރު ބާއްވަން ނިންމައިފި އެވެ.
މީގެ ކުރިން އިލްހާރު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވައިކަރަދޫ ޔޫތު ކުލަބް (ވީވައިސީ) އިންނަނެވެ.
މިއަހަރުގެ ބޮޑު އީދު އެރަށުގައި ފާހަގަ ކުރުމަށް ފޯރިގަދަ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަކަމަށް ވީވައިސީއިން މިނޫހަށް މަޢުލޫމާތުދެމުން ބުނެއެވެ.
އީދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ދުއްވަމުން އަންނަ 300 މީހުންގެ ޖާގައިގެ ސީކުއީން ބޯޓުގަ އެވެ. މާލެއިން ފުރުމަށް ނިންމާފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުގެ 04:00 ގަ އެވެ. ދަތުރު ނިންމާލުމަށްފަހު ވައިކަރަދޫ އިން ފުރުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުގެ 04:00 ގަ އެވެ.

ދަތުރުގެ ކަންކަން އިންތިޒާމް ކުރުމާއި ކުޅިވަރުތައް ރާވާ ހިންގުމުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ ވީވައިސީގެ ވަރަށް ބޮޑުއެދުމެކެވެ. އަދި މިދަތުރުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށްވެސް އެކުލަބުން އެދިފައިވެ އެވެ. ސަގާފީ އެކި ހަރަކާތް ތަކާއި އީދު ކުޅިވަރު ބަލާލަން ބޭނުންވާ އެހެންރަށްރަށުގެ މީހުންނަށްވެސް މިދަތުރުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

މިދަތުރުގެ ޓިކެޓް ވިއްކަން މިހާރު ފަށާފައިވާއިރު ޓިކެޓް ގަތުމަށް އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެކުލަބުގެ ޗެއަރމަން، އަޙްމަދު ވަހީދު (ސީވީޑޭ) 7784541 އާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް އެކުލަބުން އެދެއެވެ.
މީގެ ކުރިން ވައިކަރަދޫއަކީ ވަރަށް ފޯރިއާއި އެކު ބޮޑު ޢީދު ފާހަގަ ކުރަމުން އައި ރަށެކެވެ. މިއަހަރު ވައިކަރަދޫގައި އީދު ކުޅިވަރު ފޯރިއާއިއެކު ކުރިއަށް ގެންދިއުމަށް، ކުރިން އީދު ތަކުގައި ދެއްކި އެއްބައިވަންތަ ކަމާއި އެރޫޙު އާލާކުރުމަށް އެރަށަށް ނިސްބަތްވާ ވަރަށް ގިނަ ޒުވާނުން އަންނަނީ އެކުއެކީ އެއްރޫހެއްގައި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!