ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަނާއިގުޅިގެން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ދެ ވޯޓު ކަރުދާސްކޮޅެއް އަލުން ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލު ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ނިންމަފި އެވެ.

އެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅީ އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓު އާމިނަތު ޝީޒާ ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އީސީން ޢިއުލާންކުރި ވަގުތީ ނަތީޖާގައި ވާގޮތުން އެއް ވޯޓުގެ ތަފާތުން އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމް ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އެވެ.

Ad
rt

އެމްއެންޕީން ހުށަހެޅި ޝަކުވާއާއިގުޅިގެން އީސީން މިއަދު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް 14 މެއި 2022 ގައި ބޭއްވި ބައި-އިލެކްޝަނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު ވިލިމާލެ މުޙްޔިއްދީން ސްކޫލުގައި ބެހެއްޓި 1 ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެނު ދެ ވޯޓު ކަރުދާސް ޗެކު ކުރުމަށް
އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެއަށްފަހު އަލުން އެ ދެ ވޯޓު ކަރުދާސް ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލެއް އައިސްފައިނުވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިވޯޓު ވަގުތީ ނަތީޖާ ދައްކާގޮތުން ފާތުން ކާމިޔާބުކޮށްފައިވަނީ އެއްވޯޓުގެ ތަފާތުންނެވެ. ފާތުން އަށް ލިބިފައިވަނީ 359 ވޯޓެވެ. ފާތުން އާއި ވާދަކުރި އެމްއެންޕީގެ ކެނޑިޑޭޓް އައިމިނަތު ސީޒާއަށް ލިބިފައިވަނީ 358 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 12 އެވެ.

މާލޭގެ އަންހެނުންގެ ކޮމިޓީގެ ގޮނޑިއެއް ހުސްވީ ވިލިމާލެ ދާއިރާ ތަމްސީލްކުރެއްވި އައިމިނަތު އީމާން، އެކްސިޑެންޓެއްގައި ނިޔާވުމުންނެވެ.