މިދިޔަ އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދޔަ އޭޕްރީލް މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 37 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އާމްދަނީ އަށް 362 މިލިއަން ރުފިޔާ ލިބިފައިވާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ.

Ad
rt

މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު 4.7 ބިލިއަން ރުފިޔާ އަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަ ކުރެއެވެ. ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައެފްގެ އަގު 2021 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅައިބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެތެރެކުރި މުދަލުގެ އަގަކީ 2.9 ބިލިއަން ރުފިޔާއެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ، އޮމާން، އިންޑިއާ އަދި ޔޫއޭއީ އެވެ. އޮމާނުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 655 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއީން ވަނީ 534 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރު އެމުއްދަތާ އަޅައިބަލާއިރު 36 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު 231 މިލިއަން ރުފިޔާއަށް އަރާއިރު 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 170 މިލިއަން ރުފިޔާއެވެ.