އިނގިރޭސި އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެފްއޭކަޕް ފައިނަލް މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އެކްސްޓްރާ ޓައިމްގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި މެޗު އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ.

Ad
rt

މެޗު ފަށައިގެން ލިވަޕޫލުން މޮޅަށް ކުޅެފައި ވަނީ ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ ފުރަތަމަ ދިހަވަރަކަށް މިނެޓްގެ ތެރޭގައި ވެސް ލިވަޕޫލަސް ވަނީ ލީޑުނަގަން ރަނގަޅު ދެ ފުރުޞަތެއް ލިބިފައެވެ. ލިވަޕޫލުގެ ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު މެންޑީ ދިފާއުކުރިއިރު، ތިއާގޯ އަލްކަންޓާރާ ފޮނުވާލި ހަމަލާ ގޮސްފައި ވަނީ ގޯލާއި އަމާޒުނުވެއެވެ.

މެޗު ކުރިއަށްދިޔަ ވަރަކަށް ޗެލްސީން ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. މިގޮތުން ފުރަތަމަ ހާފުގައި އެ ޓީމްގެ ޕްލިސިޗަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއްލިބި ބޭނުން ނުކިރެވިފައެވެ. އެއަށްފަހު ފުރަތަމަ ހާފުގައި މާކޯ އެލެންސޯ އަށް ލިބުނު ހުސް ފުރުޞަތު ވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނިޔާގެ ސަބަބުން ލިވަޕޫލުގެ އިތުބާރު ފޯވާޑް މުޙައްމަދު ސަލާހް ވަނީ ބަދަލުކުރަން ޖެހިފައެވެ. އޭނާގެ ބަދަލު ކުޅެން ނުކުމެފައި ވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ޖޮޓާއެވެ.

މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ އެލަންސޯ ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިކައިރިން ބޭރަށްދިޔައިރު ލިވަޕޫލުގެ ކޯނަރު ކަންކައިރިން ލިބުނު ހިލޭޖެހުމަކުން އެލަންސޯ ފޮނުވާލި ހަމަލާ އަމާޒުވީ ލިވަޕޫލުގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި މޮޅު ކުޅުމެއްދެއްކި ލުއިސް ޑިއާޒް ވަނީ މެޗުގެ ދެވަނަ ހާފުގައި ވެސް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. މެޗުން ލިވަޕޫލް މޮޅުކޮށްދިނުމަށް އެންމެ ރަނގަޅު ފުރުބަތެއް ލިބިފައި ވަނީ ލިވަޕޫލުގެ ރޮބާޓްޝަންއަށެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވާން ހަ މިނެޓަށް ވެފައިވަނިކޮށް ރޮބާޓްޝަންއަށް ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ޖެހިފައި ނުވާތީ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލާފައި ވަނީ ޗެލްސީންނެވެ. ޗެލްސީގެ އެލަންސޯ ވަނީ އެ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. ލިވަޕޫލުން ފުރަތަމަ ޕެނަލްޓީ ފޮނުވާލާފައި ވަނީ މިލްނާއެވެ. މިލްނާ ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ޗެލްސީ ކީޕަރު މެންޑީގެ އަތުގައި ވެސް ޖެހިފައެވެ. ޗެލްސީގެ ދެވަނަ ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން އަޒްޕިލްކުއޭޓާ ފޮނުވާލިއިރު އެ ޕެނަލްޓީ ދިޔައީ ގޯލުގެ ދަނޑީގައި ޖެހިފައި ބޭރަށެވެ. ލިވަޕޫލުގެ ދެވަނަ ޕެނަލްޓީ ތިއާގޯ އަލްކަންޓާރާ ކާމިޔާބުކުރި އިރު، ޗެލްސީގެ ތިންވަނަ ޕެނަލްޓީ ގޯލުގެ މެދަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރީސް ޖޭމްސްއެވެ. ލިވަޕޫލުގެ ތިންވަނަ ޕެނަލްޓީ ފިރްމީނޯ ކާމިޔާބުކުރި އިރު ޗެލްސީގެ ހަތަރުވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ބާކްލޭއެވެ. ލިވަޕޫލުގެ ހަތަރުވަނަ ޕެނަލްޓީ އާނޯލްޑް ކާމިޔާބު ކޮށްދިންއިރު، ޗެލްސީގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ޖޯޖީނިއޯއެވެ. ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ ފުރުބަތު ލިވަޕޫލަށް ލިބުނު ނަމަވެސް މަނޭ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ ވަނީ މަތަކޮށްފައެވެ. މެންޑީއާއި މަނޭ މިއީ ސެނެގާލްގެ ޤައުމީ ޓީމްގެ ދެ ކުޅުންތެރިންނެވެ. ޗެލްސީގެ ހަވަނަ ޕެނަލްޓީ ޒިޔެޗް ކާމިޔާބުކޮށްދީފައިވާއިރު، ލިވަޕޫލުގެ ހަވަނަ ޕެނަލްޓީ ޖޮޓާ ވަނީ ކާމިޔާބު ކޮށްފައެވެ. ޗެލްސީގެ ހަތްވަނަ ޕެނަލްޓީ މައުންޓް ފޮނުވާލިއިރު އެ ޕެނަލްޓީ ލިވަޕޫލުގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ލިވަޕޫލު މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދީފައި ވަނީ ސިމިކާސްއެވެ.

މިއީ، އަށްފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ޗެލްސީން ޖެހިޖެހިގެން މުބާރާތުގެ ފައިނަލުގައި ވާދަކުރި ތިންވަނަ ފަހަރެވެ. ކުރިން ދެފަހަރު ޗެލްސީ ބަލިވެފައި ވަނީ ލެސްޓާ ސިޓީ އަތުންނާއި އާސެނަލް އަތުންނެވެ. އެންމެ ފަހުން ޗެލްސީ އެފްއޭ ކަޕް ކާމިޔާބު ކުރީ 2018 ވަނަ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށްގެންނެވެ.

ލިވަޕޫލް ވަނީ ފެބްރުއަރީ މަހު ކަރަބާއޯ ކަޕްގެ ފައިނަލްގައި، 120 ކުޅެ ޕެނަލްޓީގައި ޗެލްސީ ބަލި ކޮށްފަ އެވެ. ޕެނަލްޓީގައި އެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ 11-10 އަކުންނެވެ. ލިވަޕޫލް މީގެ ކުރިން އެފްއޭ ކަޕް ކާމިޔާބުކުރީ 2006 ވަނަ އަހަރު އެވެ. އެފަހަރު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ވެސް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ލިވަޕޫލަށް އެފްއޭކަޕް ތަށި ލިބިފައި މިވަނީ 16 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން ވެސް ލިވަޕޫލުން ޖާގަ ހޯދާފައިވާއިރު، މި އަހަރުގެ ކަރަބޯކަޕް ވެސް ކާމިޔާބު ކޮށްފައި ވަނީ ލިވަޕޫލެވެ. ޕްރިމިއާ ލީގުގެ ދެވަނާގައި ލިވަޕޫލުއޮތްއިރު، އެއްވަނާގައި އޮތް ސިޓީއާއި އެ ޓީމާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެ މެޗެވެ.