މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ފަޔާ އާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

Ad
rt

ފަޔާ އާއި އޭނާގެ ޓީމު މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގެންދެވީ "އެމްޑީޕީ ހިންގާލަން" ޝިއާރުގެ ދަށުންނެވެ. އިންތި ބޭނުން ކުރެއްވީ "ތިލަފަތުގެ ރަމްޒު" ޝިޢާރެވެ.

މިއަދުގެ އިންތިޚާބުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން މިރޭ 21:45 އާއި ހަމައަށް 200 ފޮއްޓެއްގެ ނަތީޖާ ލިބިފައިވާއިރު، މިހާތަނަށް ފަޔާ ވަނީ ވޯޓުލީ މީހުންގެ 58 ޕަސެންޓް ވޯޓު ހޯއްދަވާފައެވެ. އެއީ 21،097 ވޯޓެވެ.

އެ ފޮށިތަކުން އިންތި އަށް ލިބިފައި ވަނީ 15،233 ވޯޓެވެ.

މިހާތަނަށް ނަތީޖާ ނުލިބޭ ފޮށިތަކުގެ ޢަދަދަކީ 82 އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ހޮވުމަށް ނެގުނު ވޯޓުގެ އިތުރުން އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވާއިރު، އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި ޞަފާތު އަޙްމަދު ޒާހިރަށްވުރެ ކުރީގައި އަދިވެސް އުޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒޭ 66 ޕަސެންޓް ވޯޓު ލިބިފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެމްޑީޕީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އޭގެތެރެއިން އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭއިރު، ޒުވާނުންގެ ހިތްވަރުގެ މަގާމުތަކަށް މެންބަރަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.