މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަންގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުން ނަތީޖާ ނުލިބޭ ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ވޯޓުލީ މީހުންގެ 59 ޕަސެންޓް ވޯޓު ހޯދައިގެން ކުރީގައި އޮތީ އެ މަގާމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) އެވެ.
އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00 ގައެވެ. ވޯޓު ފޮށިތައް ބަންދުކުރީ އިރު އޮއްސި 18:00 ގައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަނީ ޖުމްލަ 282 ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.
މީގެ ތެރެއިން ނަތީޖާ ލިބުނު ވޯޓު ފޮށިތަކުގެ ޢަދަދު މިރޭ 21:00 އާއި ހަމައަށް 100 އަށް ތިރިވެފައިވާއިރު، ފަޔާ އަށް ވަނީ 19،014 ވޯޓު ލިބިފައެވެ. އެއީ ވޯޓުލީ މީހުންގެ 59 ޕަސެންޓެވެ.
ޗެއާޕާސަން އިންތިޚާބުގައި ފަޔާއާއި ވާދަކުރެއްވި ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އެ ފޮށިތަކުން ވޯޓުލީ މީހުންގެ 41 ޕަސެންޓް ވޯޓާއެކު ވަނީ 13،035 ވޯޓު ލިބިފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަން ހޮވުމަށް ނެގުނު ވޯޓުގެ އިތުރުން އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބު ވެސް އޮތެވެ.
އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި ދެ ބޭފުޅުންތެރެއިން ކުރީގައި އުޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. މިރޭ 21:00 އާއި ހަމައަށް ރޮޒޭ 66 ޕަސެންޓް ވޯޓު ހޯދާފައި ވާއިރު، އަނެއް ކެންޑިޑޭޓް ޞަފާތު އަޙްމަދު ޒާހިރަށް ވަނީ 34 ޕަސެންޓް ވޯޓު ލިބިފައެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ އެޕާޓީގެ މެންބަރުންގެ އަދަދު 94،000 އަށް ވުރެ ގިނައެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމަށް 41،027 މެމްބަރުންނަށް ވޯޓުލެވެއެވެ. ޒުވާނުންގެ ހިތްވަރުގެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!