ކުޑަކުއްޖަކު ގަނާކޮށް އަނިޔާކުރި މައްސަލަ ބަލަން ޖެންޑާގެ ޓީމެއް ދިއުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ކައުންސިލްގެ ރައީސް މިރޭ "ތިލަދުން" އަށް ވިދާޅުވީ އެރަށުން ފެންމަތިވެފައިވާ މައްސަލާގައި އެރަށުގައި ތިއްބެވި ފުލުހުން މިހާރުވެސް ތަޙުޤީޤުފައްޓަވައި، މައްސަލައާއިގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގަމުންދާ ކަމަށާއި އަދި މާދަމާ ޖެންޑާ މިނިސްޓްރީގެ ޓީމެއް އެރަށަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

ށ. އަތޮޅުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކު ވަލުތެރެއަށް ވައްދައި ގަނާ ކުރާ ވޯޑިއޯއެއް މީސް މީޑިއާއަށް ދޫވެ، އެ މައްސަލަ ފެންމަތިވެފައިވާއިރު، އެ މައްސަލައާއިގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް މިރޭ އެރަށު "އިބަމަ" ކޮމެޓީން ބައްދަލުވުމެއް ކުރިއަށް ގެންދަންވެސް ވަނީ ނިންމާފަ އެވެ.

"މިރަށުގެ އިބަމަ ޓީމުން މިރޭ އެބަ ބައްދަލުވަން، އެ ބައްދަލުވުމުން މި މައްސަލާގައި އަޅާނެ ފިޔަވަޅުތަކެއް ނިންމޭނެ"

ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެރަށުގައި ކުއްޖަކަށް ގަނާކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވެ، އެ މައްސަލަ ފެންމަތިވެފައިވާއިރު އެވީޑިއޯ ދައުރު ނުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް ވަނީ މިއަދު އިލްތިމާސްކުރައްވާފައެެވެ.

"ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރަމެވެ."

ޗައިލްޑް އެންޑް ފެމިލީ ޕރޮޓެކްޝަން ސަރވިސަސް އިން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ހިންގަވާ އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރީން) ޕްރޮގްރާމްގައި ހިމެނޭ މެންބަރުންނަކީ، ކޮންމެ ރަށެއް/އަވަށެއްގައި ޤާއިމުވެފައިހުރި ގުޅުންހުރި މުއައްސަސާތަކުން ކަނޑައެޅޭ ފަރާތްތަކެކެވެ.

އެ ފަރާތްތަކުގެ ތެރޭގައި ރަށު އަވަށު ކައުންސިލުން ކައުންސިލަރެއް، ޒިންމާދާރުވެރިޔާ ސެކްރެޓަރީ ޖެނެރަލް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ކަނޑައެޅޭ ފަރާތެއް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތެއް، ތަޢުލީމީ ދާއިރާއިން ކޮންމެ ސްކޫލެއްގެ ޗައިލްޑް ޕްރޮޓެކްޝަން ލިއޭޒަން އޮފިސަރ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ ފަރާތެއް، ޞިއްޙީ ދާއިރާއިން ކަނޑައެޅޭ ފަރާތެއް އަދި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަނޑައެޅޭ ފަރާތެއް ހިމެނެއެވެ.