އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތާއި ތަޢުލީމް ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފޮނުއްވި ޚިޠާބު ގައި ރައީސް ވިދާޅުވީ، ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދު ކަމަށާއި، އެކުދިންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ ކޮންމެ ހޭދައަކީ، މުޅި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެއް ކަމަށެވެ.

Ad
rt

ޒަމާނީ ތަޢުލީމުން އެކުދިންގެ ސިކުނޑިތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަ ކުރައްވަމުން، ހަމައެފަދައިން މުޖްތަމަޢުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި ޢަމަލުތަކުން އެކުދިން ދުރުހެލިކޮށް، މުޖްތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ ވެއެވެ.

"އެއްވެސް ޝައްކެއް ނެތް ގޮތުގައި، ފަޚުރުވެރި އަދި އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތާއި ތަޢުލީމެވެ. ތަހުޒީބާއި ތަރައްޤީގެ ކުލަތަކުން މަލަ ފެވޭ ޤައުމެއް ބިނާކުރެވޭނީ، އުފެއްދުންތެރި އަދި އީޖާދީ ވިސްނުންހުރި ދަރިންތަކެއް އުފެއްދިގެންނެވެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ދިވެހި ދައުލަތުގެ ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމުގެ ސިޔާސަތު ކަނޑައަޅާފައި އޮތީ، ޒަމާނީ ތަރައްޤީއާ ފައިހަމަވާ މުޖްތަމަޢެއް ބިނާކުރުމަށް އަމާޒު ހިފައިގެން ކަމަށެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކަށް ލޯ ހުޅުވިފައިވާ، އެ ގޮންޖެހުންތައް ހުރަސްކޮށް، މާދަމާގެ ޖީލަށް ދިވެހި އުންމަތް ވާރުތަކޮށްދޭނެ ފަދަ ދަރިންތަކެއް ބިނާކުރުމަށް އަމާޒު ހިފައިގެން ކަމަށެވެ.

"މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލެވެ. އެކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލެވެ. އެކުދިން ދިރިއުޅެން އޮތް މާޙައުލުގެ ޞުލްޙަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލެވެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މިކަންކަމަށް ވިސްނާއިރު، ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށާއި، މުޖްތަމަޢުގައި ފެތުރެމުންދާ ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނެ، އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމަކީ، އެ ކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސްގެ ޚިޠާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"ދަރިންގެ ހިތްތަކުގައި އަޅުގަނޑުމެން އަށަގަންނުވަންވީ، އަނެކުންނަށް އިޙްތިރާމް ކުރުމުގެ މާތް ސިފައެވެ. އެކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. މިކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ހިތުގެ ފިނިކަން ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނެވެ." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

ކޮންމެ ކަމެއްގައިވެސް ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ލޮލުގެ ނޫރު ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނާއި ބެލެނިވެރިން ކަމަށާއި، ދަރިންނަކީ މައިންބަފައިންގެ ފަޚުރެއް ކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން އެކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ދީގެން ކަމަށް ރައީސްގެ ޚިޠާބުގައި ވިދާޅުވެފައެވެ.