ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރުކުރާ ދިވެހިން އެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ލަންކާގައި ފެށިފައިވާ ހަމަނުޖެހުން ވަރަށް ބޮޑަށް ގޯސްވެ ބައެއް މީހުން މަރުވެ، އެ ގައުމުގެ ޕާލަމެންޓް މެންބަރުންގެ ގެދޮރާއި، އެހެން ބައެއް އިމާރާތްތަކާއ،ި އުޅަނދުތަކުގައި ހުޅުޖަހަމުންދާއިރު މުޅި އެ ޤައުމުގައި އޮތީ ކާފިއު ހިންގާފައެވެ.
ދިވެހި ޚާރިޖިއްޔާއިން މިއަދު ވިދާޅުވީ، މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިޢުލާނު ކޮށްފައިވާ ވުމާއެކު، ސްރީލަންކާގައި ދިރިއުޅުއްވާ، އަދި ސްރީލަންކާއަށް ދަތުރުކުރައްވާ އެންމެހާ ދިވެހި ރައްޔިތުންވެސް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އިތުރު މައުލޫމާތު ލިބެމުން ދާވަރަކަށް، އެ މައުލޫމާތު ޙިއްޞާ ކުރަމުންދާނެ ކަމަށާއި، އިމަޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ، ދިވެހި ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވުމަށްވެސް ދިވެހި ޚާރިޖިއްޔާއިން އެދިފައިވެއެވެ.
ލަންކާގެ ހަމަނުޖެހުން ފާލުން ނެއްޓި އެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، އޭނާގެ ގެކޮޅެއްގަ އާއި އެ އާއިލާގެ އެހެން ގެއެއްގަ އާއި، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ގޭގޭގައި ވެސް ދަނީ ހުޅު ޖަހަމުންނެވެ. އަދި މަޖިލިސް މެންބަރަކު ވަނީ އަމިއްލަ އަށް މަރުވެސް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!