ށ. ފޯކައިދޫ އިން ގިނަ އަދަދެއްގެ ވެލި ވިއްކާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިކަން ދޮގުކޮށްފައިވަނީ ރައްޔިތުންގެ މައުލޫމާތައްޓަކައި އެކައުންސިލްގެ ފޭސްކުބް ޕޭޖް ގައި ލިޔެފައިވާ މެސެޖެއްގަ އެވެ.

Ad
rt

އެމެސެޖުގައި ބުނެފައިވަނީ 3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއްކަމަށެވެ.

“ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރީ ވެލި ދިނުމަށް.”

އެކައުންސިލްގެ މެސެޖުގައި ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ރަށުގައި ގޯތިދޭ ސަރަޙައްދަށް އެޅުމަށާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ވެލި މަދުނުވާނެ ކަމަށްވެސް އެމެސެޖުގައި ބުނެފައިވެއެވެ.

ފޯކައިދޫން ގިނަ އަދަދަކަށް ވެލި ނަގައިގެން ގެންދާތީ ފޯކައިދޫ ރައްޔިތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް މިއަދު ވަނީ އެސަރަހައްދަށް އެއްވެފަ އެވެ.

އެރަށުން ވެލި ވިއްކާކަމަށް އެރަށު ރައްޔިތުން ގުޅުވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފު ދެއްކެވި ވާހަކަ އަކާއި ގުޅުވައެވެ.

މަހްލޫފް ވިދާޅުވެފައިވަނީ، ފުނަދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތަށް ބޭނުންވާ ވެލި އެރަށުން ނުލިބުމުގެ ސަބަބުން އެހެން ރަށަކުން 1.7 މިލިއަން ރުފިޔާ ދީފައި ވެލި ގަނެގެން ފުނަދޫއަށް ގެންގޮސްގެން އެމަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެކި ގޮތްގޮތުން މަސައްކަތް ކޮށްފިން ނަމަވެސް އެ ފުރުސަތު ނުލިބިގެން އެންމެފަހުން 1.7 މިލިއަން ރުފިޔާ ދީގެން އެހެން ރަށަކުން ވެލި ފުނަދޫއަށް ގެންގޮސްގެން އެކަން ކުރަން ޖެހިފައިވަނީ،"

މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުމަކަށް ވެފައިވަނީ، އެ ރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއިރު އެރަށަށް އަރުވާފައިވާ ވެލި ފަސްގަނޑުން ވެލި ނަގައިގެން ށ. ފުނަދޫއަށް ގެންދަން ހުއްދަދީފައިވާކަމަށް ބުނެއެވެ.

1.7 މިލިއަން ރުފިޔާ ދީގެން ވެލި ގެންދަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު އެ ވެއްޔަކީ ވިއްކާ ވެލި ނޫން ކަމަށާއި، މިދަނޑިވަޅަކީ ވެލީގެ ބޭނުން އެރަށު ރައްޔިތުންނަށްވެސް ބޮޑުވެފައިވާ ދަނޑިވަޅެއްކަމަށް ފޯކައިދޫ މީހުން ބުނެއެވެ. އަދި އެ ރަށު ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި ރަށުގައި ހުރި ފަސްގަނޑަކުން ފަސް ނަގައިގެން ފުނަދޫއަށް ގެންދާތީ އެ ރަށުގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުރުހިފަ އެވެ.