ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގައި ނިންމާލެވިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އޭނާއާއި، އޭނާގެ "ތިލަފަތުގެ ރަމްޒް" ކެމްޕެއިން ޓީމް މުޅި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާއި ބައްދަލުކުރުމަށް ފެއްޓެވި ކެމްޕެއިންގައި ހުރިހާ ރަށަކަށް ވަޑައިގެން ނިންމެވުނުކަން ޢިއުލާން ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޓްވީޓްގައި އިންތި ވިދާޅުވީ، "ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް ދޮރުންދޮރަށް ހިނގާ ނިމުނީ" ކަމަށެވެ.

"އެމްޑީޕީ މެމްބަރުން ނުހަނު އުފަލުން ކީ މަރުހަބާ އާއި އުންމީދުން ފުރިގެންތިބެ ދެއްވިހާ ވަގުތާ މަސައްކަތް ހަގީގަތަކަށް ހެދުމަށް 14 މެއިގައި ނުކުމެވަޑައިގެން ވޯޓުދެއްވާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނަން" އިންތި ވިދާޅުވެފައި ވެއެވެ.

މި އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

އިންތިއާއި އެކު ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) އެވެ.