މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. ގޮއިދޫގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގޮއިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަންއުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެރަށުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން ގއ. ވިލިނގިލި އަދި ގެމަނަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ވިލިނގިލިން މީހަކު ހައްޔަރުކުރީ މި މަހު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެއީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މަހު 5 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ގެމަމަފުށިން ހައްޔަރުކުރީ 29 އަހަރުގެ މީހެކެވެ.