ޕީޕީއެމްއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް މާލޭ ސިޓީ ކައުންސިލްގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވާ އެޕާޓީގެ މެންބަރު ނަޙުލާ ޢަލީ ގެންދަނީ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދައްކައި ފިތުނަ އުފައްދަމުން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމުން ބުނާ ގޮތުގައި ނަހުލާގެ އެ އަމަލުގައި އޭނާގެ މަންމަ ވެސް ދަނީ ބައިވެރިވަމުންނެވެ.

Ad
rt

ޕީޕީއެމުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ރޭގެ ވަގުތެއްގައި ނަހުލާ، އޭނާގެ ފޭސްބުކް އެކައުންޓްގައި އެޕާޓީއާއި އެޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތަކެއް ލިޔެފައިވާ ކަމަށެވެ.

ނަހުލާ، ޕީޕީއެމްގެ ޢާންމު މެންބަރުން ގާތުގައާއި، ސޯޝަލް މީޑިއާގައި އެ ޕާޓިއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލޭ ދާއިރާ، މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެޕާޓީގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ
މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ
ކޮމިޓީން ބަލަން ފެށުމުން ކަމަށް ޕީޕީއެމުން ބުނެއެވެ.

"މީގެ އިތުރުންވެސް، މިޕާޓިގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަން ވެސް ފާހަގަ ކުރަމެވެ." ޕީޕީއެމުން ބުނެފައި ވެއެވެ.

އެ ޕާޓީން ބުނީ ނަހުލާ މިކަންކަން ކުރުމުގައި އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ ބައިވެރިވާ ކަމަށެވެ. އަދި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެމައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓިން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްޙާ ޢަލީވެސް އެކަމުގައި ބައިވެރިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

"އެހެންކަމުން ނަހުލާ ޢަލީގެ އިތުރުން އާމިނަތު ލީލާގެ ވެސް ސުލޫކީ މައްސަލައެއް ޕާޓިން ގެންދަނީ ބަލަމުންނެވެ." ޕީޕީއެމުން ބުނެފައި ވެއެވެ.

ނަޙަލާ އާއި އޭނާގެ މަންމަ އާމިނަތު ލީލާ އާއި ގުޅިގެން އެޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ މައްސަލަ ކުރިއަށް
ގެންދިއުމުގައި އެދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެެއެވެ.